ފަލަސްޠީނު ރައްޔިތުންނާމެދު އިސްރާއީލުން ހިންގަމުންދާ އުދުވާނު ކުށްވެރިކުރުމުގެ ގޮތުން އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައަޅާއިފިއެވެ.
މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.
ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ، މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ ފަލަސްޠީނު ބިންތަކުގެ ތެރެއިން ޝެއިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނު އާއިލާތައް، އެ އާއިލާތަކުގެ އަމިއްލަ ބިންތަކުން ނެރެ، އެ ބިންތަކުގައި އިސްރާއީލުގެ ޣައިރު ޤާނޫނީ އާބާދުވުންތައް ޤާއިމުކުރަން ނިންމުމާ ގުޅިގެން، ފަލަސްޠީނު ރައްޔިތުން އިހުތިޖާޖުކޮށް މުޒާހަރާކުރުމުން، އެ އިހުތިޖާޖުތަކާ ދެކޮޅަށް އިސްރާއީލުގެ ފުލުހުންނާއި ސިފައިން ނެރެ ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމަށް ބަޔާންކޮށްފައެވެ.
އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޞިހުޔޫނީ ނުވަތަ ޒައިނިސްޓު އާބާދުވުންތައް ޤާއިމުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ފަލަސްޠީނު ރައްޔިތުން އިހުތިޖާޖުކުރުމުން އެކަމުގެ ރައްދުގައި، މަސްޖިދުލް އަޤުޞާއަށް ހަމަލާދީ އެ މާތް ހަރަމްފުޅަށް ގަދަކަމުން ވަދެގަނެ، އެތަނުގައި އަޅުކަންކުރަންތިބި މީހުންނަށް ހަމަލާދީ އެ މީހުންގެ ލޭ އޮހޮރައި އިސްލާމްދީނުގެ ތިންވަނަ ހަރަމްފުޅު، އަދި ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ ދަތުރުފުޅުގައި އެ މިސްކިތަކަށް ވަޑައިގެންނެވި މާތް މިސްކިތުގެ ހުރުމަތް ކަނޑާފައިވުމަކީވެސް މި މައްސަލަ ހުށައެޅި ސަބަބެއްކަމަށް ޝިޔާމްގެ ކުއްލި މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ކޮންމެ ރަމަޟާން މަހެއްގައިހެން ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ސިލްސިލާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ގެންގުޅޭ “ޑާހިޔާ ޑޮކްޓްރައިން”އާ އެއްގޮތްވާ ގޮތުގެ މަތިން، ހަނގުރާމަވެރިންނާއި މަދަނީންގެ މެދުގައި ތަފާތުކުރުމެއް ނެތި ޣައްޒާއަށް ދެމުންދާ އަނިޔާވެރި އުދުވާނީ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުން ގިނަ ޢަދަދަކަށް ޝަހީދުކޮށް ޠާހިރު ލެއިން ޣައްޒާގެ ތިން ތަތްތަޅުވައި، ރަގަޅުކުޑަކަމާއި ލާއިންސާނީކަމުގެ ނިހާޔަތަށް ޞިހުޔޫނީ ދައުލަތުގެ ޢަމަލުތައް ވާސިލުވެފައިވާކަމަށްވެސް މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
ޝޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި، މި ހިނގަމުންދާ މޭ މަހުގެ 15 ވަނަ ދުވަހަކީ، ފަލަސްޠީނުގެ ބިމުގައި އިސްރާއީލޭ ކިޔާ ޞިހުޔޫނީ ނުވަތަ ޒައިނިސްޓު ދައުލަތް އުފެއްދުމަށް ފަލަސްޠީނު ރައްޔިތުންގެ ތެރެއިން 800،000 މީހުން އެ މީހުންގެ ގެދޮރުން ބޭރުކުރި ހަނދާންތަކަށް 73 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ ތާރީޚީ ދުވަހަށްވެފައި، މިއަދު އިސްތިއުމާރުގެ ދަށުގައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގެ ތެރެއިން 30 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއްގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް އިސްރާއީލުގެ އާބާދުވުންތައް ޤާއިމުކުރަން ނިންމައި އެކަމަށް އަމަލީ ގޮތުން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
ޝިޔާމް ހުށައެޅުއްވި މައްސަލާގައި 1969 ވަނަ އަހަރުގެ އޯގަސްޓު މަހުގައި މަސްޖިދުލްއަޤުޞާގައި ރޯކޮށްލައި، 1982 ވަނަ އަހަރު މިސްކިތް ގޮއްވައިލަން މަސައްކަތްކޮށް، 1996 ވަނަ އަހަރު މަސްޖިދުލް އަޤްޞާގެ ދަށުން ބިންގަރާސް ކޮންނަން ނިންމައި އެކަމާ ދެކޮޅަށް އިހުތިޖާޖުކުރި ފަލަސްޠީނު އަޚުންނާއި އުޚުތުންގެ ތެރެއިން 63 މީހުން ޝަހީދުކޮށްލުމާއި އޭގެ ފަހުންވެސް އެ މަތިވެރި މިސްކިތް ހަލާކުކޮށް ސުންނާފަތިކޮށްލުމަށް އިސްރާއީލުން އިންތިޒާމީ ސިފައެއްގައި ހިންގަމުންދާ އެތައް ޖަރީމާތަކެއް ފާހަގަކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭތީއާއި، މި ކުއްލި މައްސަލަ ލިޔުނު ވަގުތާ ހަމައަށް ޣައްޒާއިން އެކަނި 47 ކުޑަކުދިންނާއި 2 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 174 މީހުން އިސްރާއީލުގެ އުދުވާނުގައި ޝަހީދުކޮށްލާފައިވާކަމަށް ބަޔާޏްކޮށްފައިވެއެވެ. އަދި އިރުމަތީ ޤުދުސްގައި ޞުލްޙަވެރިކޮށް އިހުތިޖާޖުކޮށް މުޒާހަރާކުރާ ފަލަސްޠީނު ރައްޔިތުންގެ ތެރެއަށް ބަޑިން ހަމަލާދީ އެތަނުންވެސް 11 މީހަކު ޝަހީދުކޮށްލާ އެތައް ސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައިވާއިރު، މިކަންކަމާމެދު ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ނުރުހުން ފާޅުކުރަންޖެހޭކަމަށް ދެކޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
…ނުރުހުން ފާޅުކުރުމަކީ ހަމައެކަނި ނެރެލާ ބަޔާނަކުން، ބުނެލާ ބަހަކުން ކުރެވޭ ކަމެއް ކަމުގައި ނުދެކޭތީ، އަމަލީ ގޮތެއްގައި އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން ކޮންމެވެސް ކަމެއް ދިވެހި ދައުލަތުން ކުރަންޖެހޭ ކަމުގައި ޤަބޫލުކޮށް، އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން މި އުދުވާން ހުއްޓައިލަންދެން މަނާކުރުމަށާއި، 2014 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ނިންމި ފަދައިން އިސްރާއީލުގެ އުދުވާނަށް ނިމުމެއް އަންނަންދެން އިސްރާއީލުގެ އުފެއްދުންތައް ރާއްޖޭގައި މަނާކުރުމަށާއި، ރާއްޖެއިން އެޅެންހުރި ފިޔަވަޅުތައް ބެލުމަށްފަހު އެ ފިޔަވަޅުތައް އެޅުމަށް ސރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށައަޅަމެވެ.
– ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.
ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ފަލަސްޠީނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވ ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ