ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެކްޖީއޭ)ގެ ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި ފުރުޞަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެލްޖީއޭގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެލްޖީއޭގެ ބޯޑަށް 7 މެންބަރުން އައްޔަންކުރުމުގެ ބާރު ވަނީ ރައީސްއަށް ދެއްވާފައެވެ.
މިހާރު އެލްޖީއޭގެ ބޯޑުގަިއ ހިމެނިވަޑައިގަންނަވާ 7 މެންބަރުންނަކީ:
1- (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، / މިނިސްޓަރ އޮފް ހޯމްއެފެއާޒް
2- (ނައިބް ރައީސް )އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް
3- އަލްފާޟިލް މުޙައްމަދު ޝިހާބު / އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް
4- އަލްފާޟިލް އަޙްމަދު ސަމީރު / މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް
5- އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފް / ޗީފް އެގްޒެކެޓިވް އޮފިސަރ
6. އަލްފާޟިލް އަޙްމަދު ޝަރީފް / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް
7. އަލްފާޟިލާ ފާޠިމަތު ނިޢުމާ / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު
އެލްޖީއޭގެ ބޯޑުގެ މަސްޢޫލިއްޔަތުގެ ތެރޭގައި:
1. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުން.
2. ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.
3. ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުން.
4. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް އަދި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއްއުސޫލަކުންތޯ ބަލައި ކައުންސިލްތަކުން ހަދާ ޤަވާއިދުތަކާއި އުޞޫލްތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުން.
5. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދު ހެދުން.
6. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ކޮންމެ އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، ސިޓީ ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަހައްދު ކަނޑައަޅައި، އެސަރަހައްދުގެ އިން ވަކިކުރުމުގެ ނިޒާމެއް މިޤާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރުތެރޭ ކަނޑައެޅުން.
7. ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދިފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި، އެތަމްރީނުތައް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.
އެލްޖީއޭގެ ބޯޑު މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހުގެ ދައުރެކެވެ. ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާހުތަކުގެ ދަށުން ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އަދު ކައުންސިލަރުން ހުވާކުރާނީ މާދަމާއެވެ.
ކޮމެންޓު ފޮނުވާ