1948 ވަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހަކީ، އަދި އަދަށް ދާންދެންވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަ ކުރަމުންދާ ދުވަހެކެވެ. އެހެންނަމަވެސް އެދުވަސް ފަލަސްތީނު ރައްޔިތުން ފާހަގަ ކުރަމުންދަނީ ތާރީޚުގެ ތެރެއިން ފަލަސްތީނަށް ހާސިލްކުރެވުނު ބޮޑު ކާމީޔާބީއެއްގެ އުފަލުގައެއް ނޫނެވެ.
އެދުވަސް ފަލަސްތީނުގެ ރައްޔިތުން ފާހަގަ ކުރަމުންދަނީ "މުސީބާތު"ގެ ދުވަހުގެ ގޮތުގައެވެ. އެއީ، ދެވަނަ ބޮޑު ހަގުރާމަ ނިމި، ޔަހޫދީންނަށް ކުރިމަތިވި އަނިޔާތަކާއި، އަދި އެމީހުން ދުނިޔެއިން ބާކީވެދިޔަ ދިއުމަށްފަހު ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފަންވެއްޖެކަން އިއުލާން ކުރެވިގެން ދިޔަ ދުވަހެވެ.
އެ ދުވަހަށްފަހު، ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތް ގާއިމްވެ ދިޔައީ އެކަންޏެއް ނޫނެވެ. އެއަށްފަހު އަރަބި ގައުމުތަކާއެކު އިސްރާއީލުން ކުރި އެތައް ހަގުރާމައެއްގައި، ފަލަސްތީނުގެ އެތަކެއް ބިމަކަށް ގަދަކަމުން ވެރިވެގަނެ، ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނެއް އެމީހުންގެ ގެދޮރުން ބޭރުކޮށް، ރެފީއުޖީންނަށް ހަދާ، މި ސިޔާސަތު އިސްރާއީލުން ވަނީ ފާއިތުވެދިޔަ 50 އަހަރުވަންދެން ތަންފީޒުކޮށް ދަމަހައްޓާފައެވެ.
އިސްރާއީލު އުފެދުން
އިސްރާއީލު ފަލަސްތީނުގެ ހަމަނުޖެހުމުގެ ތާރީޚް ގޮސް ހުއްޓެނީ، 19 ވަނަ ގަރުނުގެ ނިމުމާ ހަމައަށެވެ. ނުވަތަ ސީދާ ގޮތުންނަމަ، 20 ވަނަ ގަރުނުގެ މެދުތެރެއަށެވެ.
އިސްރާއީލު ދައުލަތެއްގެ ގޮތުގައި އުފެދިގެން އައީ، 1947 ވަނަ އަހަރު ޔުނައިޓެޑް ނޭޝަން (ޔޫއެން)އިން ފާސްކުރި ގަރާރަކުންނެވެ. "ޕާޓިޝަން ޕްލޭން"ގެ ނަމުން ނަން ދެވިފައިވާ މި ގަރާރު (ރިޒޮލިއުޝަން 181) ޔޫއެންއިން ފާސްކޮށްފައިވަނީ، އޭރު އިނގިރޭސިން ފަލަސްތީނުގައި ދަމަހައްޓަމުންއައި އިސްތިއުމާރީ ވެރިކަން ދެބަޔަކަށް ބަހާލައި، އޭރުގެ ފަލަސްތީނުގެ ބިމުގެ އެއްބައި ޔަހޫދީންނަށް ޚާއްސަ ކުރުމުގެ ގޮތުންނެވެ.

މިގޮތުން، 1948 ވަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު، "ސްޓޭޓް އޮފް އިސްރާއީލް" ވުޖޫދު ވެގެން ދިޔައެވެ. އެހެންނަމަވެސް، ޔޫއެންގެ ޚާއްސަ ގަރާރަކުން އިސްރާއީލޭ ކިޔުނު ދައުލަތެއް ވުޖޫދުވެގެން ދިޔަ ނަމަވެސް، މި ދައުލަތް އުފެދިގެން ދިޔައީ ސުލްހަވެރިކަމާ އަމާންކަމާއެކު ނޫންކަން އެގެން އޮންނަނީ، އިސްރާއިލް އުފެދިގެން ދިއުމަށްފަހު، އަވައްޓެރި އަރަބި ގައުމުތަކާއެކު ކުރެވިގެން ދިޔަ ހަގުރާމަތަކުންނެވެ.
1948 ވަނަ އަހަރު އިސްރާއީލުގެ އުފެދުމާއެކު، އަރަބި-އިސްރާއީލީ ހަގުރާމައެއް ކުރެވިގެން ދިޔައެވެ. މިހަގުރާމަ 1949 ވަނަ އަހަރު ނިމިގެން ދިޔައީ، އަރަބި ގައުމުތައް ބަލިވެ، އިސްރާއީލް މިހަގުރާމަ ކާމިޔާބު ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން 75،000 ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ބޭރު ކުރެވުނެވެ.
އަދި މި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ބިން 3 ބަޔަކަށް ބެހިގެން ދިޔައެވެ. އެއީ، 1948 ވަނަ އަހަރު ދައުލަތެއްގެ ގޮތުގައި ޔޫއެންގެ ގަރާރަކުން އުފެއްދި އިސްރާއީލުގެ ދައުލަތާއި، (ސްޓޭޓް އޮފް އިސްރާއިލް) އާއި، ވެސްޓް ބޭންކް (އުރުދުންގެ ކޯރުގެ އައްސޭރި، ނުވަތަ ހުޅަގު އައްސޭރި) އާއި އަދި ގާޒާ ސްޓްރިޕް (އައްސޭރި ފަށުގައި އޮތް ގާޒާގެ އަވަށް) އެވެ.
އެއަށްފަހު، ޖެހިގެން އައި އަހަރުތަކުގައި، އިސްރާއީލު ހިމެނޭ މެދުއިރުމަތީގެ ސަރަހައްދު ތަކުގައި ހާސްކަމާއި ނުތަނަވަސްކަން ދިޔައީ އިތުރު ވަމުންނެވެ. ވަކީން ޚާއްސަކޮށް، އުރުދުން އާއި، ސީރިއާއި އަދި މިސްރާއި އިސްރާއީލާ ދެމެދު އޮތް ގުޅުންތައް އޮތީ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ.
1956 ވަނަ އަހަރު ކުރިމަތިވެދިޔަ ސުއޭސް ކާރިސާއަށްފަހު، އަދި އިސްރާއީލުން ސިނާއީ ޕެނިންސޫލާއަށް އަރައިގަތުމާއެކު، މިސްރު، އުރުދުން އަދި ސީރިއާއިން ދިފާޢީ އެއްބަސްވުންތަކެއް މިގައުމުތަކުގެ މެދުގައި ވިއެވެ. މި ދިފާޢީ އެއްވަސްވުންތަކުގެ މަގުސަދަކަށް ވެގެންދިޔައީ، މި ގައުމުތަކުގެ ބިންތަކަށް އިސްރާއީލު ސިފައި އަރާފާނެ ކަމަށް ބަލާ، ވެވުނު ދިފާއީ އެއްބަސްވުންތަަކަކަށެވެ.
އެހެންނަމަވެސް، މިސްރުގެ އޭރުގެ ރައީސް ޖަމާލް އަބުދުއްނާސިރުގެ ސިޔާސަތު ތަފާތު އެތައް ގޮތަކަށް ބަދަލުވެގެން ދިއުމަށްފަހު، އަދި ސިރިޔާއިންނާއި އަރަބި އެހެން ބިންތަކުން، އިސްރާއީލަށް އަމާޒުކޮށް ދެމުންދިޔަ ގެރިއްލާ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، 1967ވަނަ އަހަރު، އިސްރާއީލުން އިސްވެ މިސްރަށާއި އަދި ސީރިއާގެ ވައިގެ ބާރުތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް ދިނެވެ. ނަތީޖާއަކަށް ވެގެންދިޔައީ، މަޝްހޫރު 6 ދުވަހުގެ އަރަބި އިސްރާއީލުގެ ހަގުރާމަ ފެށިގެން ދިއުމެވެ.

މި ހަގުރާމާގައި އަރަބި ގައުމުތައް ބަލިވެ، މިސްރުގެ ބާރުގެ ދަށުން، ސިނާއީ ޕެނިންސޫލާއާއި ގާޒާ ސްޓްރިޕް އިސްރާއީލު އަތުލިއެވެ. އަދި އުރުދުންގެ ބާރުގެ ދަށުން، ވެސްޓް ބޭންކްއާއި، (އުރުދުންގެ ކޯރުގެ ހުޅަގު އައްސޭރި) އަދި އިރުމަތީ ޖެރޫސެލަމް އަތުލިއެވެ. ހަމަ އެއާއެކު، ސީރިޔާގެ ބާރުގެ ދަށުން ގޯލާންގެ އުސް ބިންތައް ހިފިއެވެ.
އެހެެންނަމަވެސް، މީގެ 6 އަހަރުފަހުން، "އޮކްޓޯބަރ ހަގުރާމަ"އިގެ ނަމުން ނަންދެވިފައިވާ ހަގުރާމަ، މިސްރާއި އަދި ސީރިއާއިން އިސްރާއީލާއި ދެކޮޅަށް ފަށާފައި ވެއެވެ. މި ހަގުރާމައިގެ މަގުސަދަކަށްވީ، 6 ދުވަހުގެ ހަގުރާމާއިގައި މި ދެގައުމަށް ގެއްލިގެން ދިޔަ ސަރަހައްދުތައް އިސްރާއީލުގެ އަތުން އަލުން އަތުލުމެވެ. އެހެންނަމަވެސް، މި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، މިސްރަށްވެސް، ސީރިއާއަށްވެސް އަދި އިސްރާއީލަށްވެސް، އެކަށިގެންވާ ކާމިޔާބެއް ލިބިގެން ނުދިޔަނަމަވެސް، ހަގުރާމާ ކާމިޔާބު ކުރެވުނުކަން މިސްރުގެ ރައީސް ޖަމާލް އަބުދުއްނާސިރު އިއުލާން ކުރައްވާފައި ވެއެވެ.
ޖަލާމް އަބުދުއްނާސިރު، މިސްރަށް މިހަގުރާމަ ކާމިޔާބު ކުރެވުނުކަން އިއުލާން ކުރައްވާފައިވަނީ، މިހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، މިސްރު އަދި ސީރިއާއިން ކުރީގެ ހަގުރާމާގައި ގެއްލިގެންދިޔަ ބިންތައް އަލުން ހޯދުމަށް މަޝްވަރާކުރުމުގެ މަގުތައް މިހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން ހުޅުވިގެން ދިއުމާ ގުޅިގެންނެވެ.
އެންމެފަހުން، ހަމަލާ ބަދަލުކުރުމަށް ވެވުނު ތަފާތު އެއްބަސްވުން ތަކާއި، އަދި ކުރިޔަށް ގެންދެވުނު އެތަކެއް މަޝްވަރާތަކަށްފަހު، 1979 ވަނަ އަހަރު، އިސްރާއިލާއި މިސްރުގެ އޮފިޝަލުން "ކޭމްޕް ޑޭވިޑް އެކޯރޑް"ގެ ނަމުން ނަންދެވިފައިވާ ސުލްހައިގެ އެއްބަސްވުމެއްގެ ސޮއިކުރިއެވެ.
މިއީ އަރަބި ގައުމަކުން އިސްރާއީލާއެކު އެންމެ ފުރަތަމަ ވީ ސުލްހައިގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، އެހާތަނަށް، 30 އަހަރުވަންދެން، އިސްރާއީލާ މިސްރާއި ދެމެދު ހިގަމުންއައި ހަމަނުޖެހުންތަކަށް ރަސްމީ ސިފައެއްގައި ނިމުން އައެވެ.

ފަލަސްތީނުގެ ދައުލަތް
ކޭމްޕް ޑޭވިޑް އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލާއި އަރަބި ގައުމުތަކާ ދެމެދު އޮތް ގުޅުމަށް ހެޔޮ ބަދަލުތަކެއް އައިނަމަވެސް، އަމިއްލަ ބާރު ލިބިގެންވާ ދައުލަތެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއް އުފެއްދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދިޔަ މަސައްކަތްތައް އޮތީ ސުވާލުތަކެއް ތެރޭގައެވެ.
1987ވަނަ އަހަރު، ހުޅަނގު އައްސޭރިއާއި، ގާޒާ ސްޓްރިޕްގައި ދިރިއުޅެމުންދިޔަ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރީ ބާރާ ދެކޮޅަށް ތެދުވިއެވެ. މި ހަރަކާތައް ނަން ދެވިގެންދިޔައީ އިސްރާއީލާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރިޔަށް ގެންދި ފުރަތަމަ އިންތިފާދާގެ ގޮތުގައެވެ.
1993ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަންގެ ރިޔާސަތުގައި، އޮސްލޯ I އެކޯރޑްއިން، އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިގަމުންދިޔަ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރެވި އެއްބަސްވުންތަކެއް ވެވުނެވެ. މި އެއްބަސްވުމުން، ހުޅަގު އައްސޭރިއާއި އަދި ގާޒާ ސްޓްރިޕްގައި ފަލަސްތީނަށް އަމިއްލަ މިނިވަންކަމެއް ލިބިގެންވާ ދައުލަތެއް ގާއިމްކުރުމުގެ އަސާސްތަކެއް ކަޑައެޅިގެން ދިޔައެވެ.
އަދި އަލަށް އުފެދިގެންދިޔަ، "ޕަލްސްޓައިން އޮތޯރިޓީ"އާއި އިސްރާއީލުގެ ސަރުކާރާ ދެމެދު ދެނެގަތުމާއި އެއްބަޔަކު އަނެއް ބަޔަކުގެ ގާނޫނީ ހައްިސިއްޔަތު ބަލައިގަތުމުގެ އަސާސްތައްވެސް އެކުލަވާލެވިގެން ދިޔައެވެ.
1995ވަނަ އަހަރު އޮސްލޯ II އެއްބަސްވުމުން ކުރީގެ އެއްބަސްވުން އިތުރަށް ފުޅާކޮށް، އިސްރާއީލުގެ ސިފައިން ހުޅަގު އައްސޭރީގެ 6 ސިޓީއަކުންނާއި އަދި 450 ޓައުނަކުން ފޭބުމަށް އެއްބަސް ވެވުނެވެ.

އެހެންނަމަވެސް، އިސްރާއީލާއެކު ވެވުނު އެތަކެއް ސުލްހައިގެ އެއްބަސްވުންތަކާ އެކުވެސް، ހުލަގު ހައްސޭރީގައި، އިސްރާއީލުން ދަމަހައްޓަކުން އައި ނުފޫޒުތައް އިތުރުވެ، ފަލަސްތީނުގެ ރައްޔިތުންގެ ޖަޒުބާތުތައް ބޮއްސުންލާ، އެކިހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިގާފައި ވެއެވެ.
އަދި ހަމަ އެއާއެކު، ސެޕްޓެމްބަރ 2000 ވަނައަހަރު، މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައވާި އަލް މަސްޖިދުން އަގްސާއަށް އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އޭރިއެލް ޝެރޯން ޒިޔާރަތް ކުރެއްވުމާއި ގުޅިގެން ފަލަސްތީނު ރައްޔިތުންގެ 3 ވަނަ އިންތިފާދާ ފެށިގެން ދިޔައެވެ. މި އިންތިފާދާ 2005 ވަނަ އަހަރާއި ހަމައަށް ދިގުދެމިގެން ދިޔައެވެ.
ފަލަސްތީނު ރައްޔިޔުންގެ މި އިންތިފާދާގެ ބަދަލު ހިފުމެއްގެ ގޮތުން، ބައިނަލް އަގުވާމީ ޖިނާއީ ކޯޓުގެ ދެކޮޅު ހެދުމާއެކުވެސް، ހުޅަނގު އައްސޭރިއާއި ފަލަސްތީނުގެ އެހެން ސަރަހައްދުތަކާ މުޅިން ވަކި ކޮށްލުމަށްޓަކާ ބޮޑު ފާރެއް ރޭނުމަށް 2002 ވަނައަހަރު އިސްރާއީލު ސަރުކާރުން ނިންމާ މި މަސައްކަތަށް އަަމަލީސިފަ ގެނެސްފައި ވެއެވެ.
ހަމާސްއާއި އިސްރާއީލުގެ ހަގުރާމަތައް
2014 ވަނަ އަހަރު އިސްރާއިލާއި ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުން މިނިވަން ކުރުމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާދެމެދު ބޮޑު ހަގުރާމައެއް ކުރެވިގެން ދިޔައެވެ. މި ހަގުރާމާގައި ހަމާސް ޖަމާއަތުން އިސްރާއީލުގެ ސިޓީތަކަށް އަމާޒުކޮށް، 3،000 ރޮކޮޓު އުދުއްސާލާފައި ވެއެވެ.
ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލުންވަނީ، ހަމާސްގެ ބާރުގެ ދަށުގައި އޮންނަ ގާޒާއަށް ވައިގެ މަގުންނާއި އެއްގަމުމަގުން ވަރަށް އަނިޔާވެރި ހަމަލާތަކެއް ދީފައެވެ.
މި ހަމަލާ ބަދަލުކުރުންތައް ހުއްޓުމަކަށް ގެނެވިފައިވަނީ 2014 ވަނަ އަހަރު އޮގްސްޓު މަހު، މިސްރު މެދުވެރިވެގެން ގާއިމްކުރެވުނު ސުލްހައިގެ އެއްބަސްވުމަކަށް ފަހުގައެވެ. އެހެންމަަވެސް، މިހަގުރާމަ ހުއްޓުމަކަށް އައިއިރު، އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 2,251 ރައްޔިތުން ޝަހީދު ވިއެވެ. އިސްރާއީލުން 73 މީހަކު މަރުވިއެވެ.

މި ހަގުރާމައަށްފަހު، އަދި 2015 ވަނަ އަހަރު، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގި އެތަކެއް އަނިޔާވެރި އަމަލްތަކަކަށްފަހު، އޮސްލޯ އެއްބަސްވުމުން އެކުލަވާލެވުނު ގޮތުގެމަތިން ބިންތައް ބަހާލެވުނު އުސޫލުތައް ދެން އިތުރަށް ފަލަސްތީނުން ބަލައި ނުގަންނާނެކަން ފަލަސްތީން އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް އިއުލާން ކުރެއްވިއެވެ.
2018ވަނަ އަހަރުގެ މޭމަހު، އިސްރާއީލުގެ އަސްކަރިއްޔާއާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާދެމު، 2014 ވަނައަހަރު ހިގައިދިޔަ ހަމަނުޖެހުމަށްފަހު، އުފެދިގެންދިޔަ ދެވަނަ އެންމެ ބޮޑު ހަމަނުޖެހުން އުފެދިގެން ދިޔައެވެ. މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވެވުނު ސުލްހައިގެ އެއްބަސްވުމާއި ހަމައަށް އާދެވުނުއިރު، ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް އަތައް ސަތޭކަ ރޮކެޓް ހަމާލާއެއް ދީފައިވާއިރު، އިސްރާއީލުން 24 ގަޑިއިރަށް މެދުނުކެޑި ކުރިޔަށް ގެންދިޔަ އަސްކަރީ ހަރަކާތުގައި ގާޒާގެ 50 އަށްވުރެ ގިނަ އަމާޒުތަކަށް މިސައިލް ހަމަލާދީ ފަލަސްތީނުގެ އެތައްބަޔަކު ޝަހީދު ކޮށްލިއެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ ފަހަތުގައި އެމެރިކާ
ފާއިތުވެދިޔަ 50 ވަރަކަށް އަަހަރު ދުވަހުގެ ތެރޭގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގި ބޮޑެތި ޖަރީމާތަކަށް އެންމެ ބޮޑަށް އެހީތެރިވެދިން ގައުމަކީ އެމެރިކާއެވެ.
މިގޮތުން އިސްރާއީލް ފަލަސްތީނުގެ މައްސަލާގައި އެމެރިކާއިން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ، އިސްރާއީލަށް އަމިއްލައަށް ދިފާޢުވުމުގެ ހައްގު ލިބިގެން ވާކަމުގައި އެގައުމުން، އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްޗަށްވެސް ދައްކަމުންދާ ހުއްޖަތްތަކެވެ.
2018ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ ޔޫއެން ރިލީފް އެންޑް ވާރކްސް އޭޖެންސީންއަށް އެމެރިކާއިން ފޯރުކޯށްދޭ އެތައް މިލިއަން ޑޮލަރުގެ ފަންޑު ފޯރުކޮށްދިނުން ހުއްޓުމަކަށް ގެނެސްފައެވެ.
އަދި މީގެ އިތުރުން ޓްރަމްޕް ވަނީ، އަތައް ޒަމާނެއް ވަންދެން އެމެރިކާގެ ވެރިން ދަމަހައްޓަމުން އައި ސިޔާސަތު ބަދަލުކޮށް، ފަލަސްތީނާއި ދުނިޔޭގެ އެތަކެއް މިލިއަން މުސްލިމުންގެ ޖަޒުބާތާއި ދެކޮޅަށް، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އިރުމަތީ ޖެރޫސެލަމްއަށް ބަދަލު ކޮށްފައެވެ. އިރުމަތީ ޖެރޫސެމްލައަކީ، ފަލްސްތީނުން ގަބޫލުކުރާ އެގައުމުގެ ވެރިރަށެވެ. އަދި ބައިނަލް އަގުވާމީ ގާނޫނުތަކުންވެސް، މި ބިމަކީ ފަލަސްތީނުގެ ބިމެއްގެ ގޮތުގައި ވަނީ ކަޑައަޅާފައެވެ.

ފަލަސްތީނާއި އަދި ޔޫރަޕްގެ ގިނަ ގައުމުތަކުންވެސް، އެމެރިކާގެ މި ނިންމުމާއި ދެކޮޅަށް ފާޑުކިޔާފައިވި ނަމަވެސް، އިސްރާއީލުގެ ސަރުކާރުންވަނީ، ޓްރަމްޕްގެ މި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ.
ފަލަސްތީނުގެ ބިންތައް ހިސާރުކޮށް، އަދި ބައިނަލް އަގުވާމީ އެތަކެއް ގާނޫނުތަކަށް ގޮންޖަހާ، އިސްރާއީލުން ދަމަހައްޓަމުންދާ އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫއެންއަށްވެސް ނުކުޅެދިފައިވަނީ، އިސްރާއީލުގެ ހިމާޔަތުގައި ޔޫއެންގައި އެމެރިކާއިން އިސްރާއީލަށް ދެމުންދާ ތާއީދުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ފަލަސްތީނުގެ ރައްޔިތުން ތިބީ އެންމެހާ މުސްލިމުންގެ އެހީތެރިކަމަށް ނިހާޔަތަށް ބޭނުވެފައި
މި މޭމަހުގެ 14 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާ ސިޓީއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 149 މީހަކު ޝަހީދު ވެފައިވާއިރު، މީގެ ތެރޭގައި 31 ކުޑަކުދިންނާ 19 އަންހެނަކުވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި މިހާތަނަށް 950 މީހަކު ޒަޚަމް ވެފައި ވާކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
އިސްރާއީލުގެ އުދުވާންއާއި ދެކޮޅަށް ހަމާސް ޖަމާއަތުން މިހާތަނަށް އެތައްސަތޭކަ ރޮކެޓެއް އުދުއްސާލާފައިވާއިރު، މި ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 8 މީހަކުވަނީ މަރުވެފައެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައި އިސްރާއީލާ ފަލަސްތީނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރު ވެފައިވަނީ، އިރުމަތީ ޖެރޫސެލަމްގެ ޝެއިޚް ޖައްރާއިން ގަދަކަމުން ފަލަސްތީނު ރައްޔިތުން ބޭރު ކުރުމަށް އިސްރާއީލުން މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އިރުމަތީ ޖެރޫސެލަމް ހިމެނޭގޮތުން އެއީ އިސްރާއީލުގެ ވެރިރަށް ކަމަށް އެގައުމުން ނިންމާފައިވި ނަމަވެސ،ް ބައިނަލް އަގުވާމީގޮތުން ކަޑައަޅާފައިވަނީ، އެއީ އިސްރާއީލުން ހިފާފައިވާ ސަރަހައްދެއްގެ ގޮތުގައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މި ހަމަލާތަކުގައި މަރުވެފައިވާ އެތައް ބަޔަކު، ނުރައްކާތެރި ގޭހެއްގެ ސަބަބުން މަރުވެފައިވާކަމަށް ޝައްކު ކުރެވޭތީ އެކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ. މިގޮތުން މިހާރު ސާމްޕަލްތައް ނެގިފައިވާ ކަމަށާއި އަދި ފަހުގެ ނަތީޖާއަކާ ހަމައަށް ދެވިފައި ނުވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިހާރު ކުރިޔަސް ދާ ހަމަލާ ބަދަލުކުރެވުނުތަކުގައި އިސްރާއީލުގެ އަސްކަރިއްޔައިން ދަނީ ފަލަސްތީނުގެ އުސް އިމާރާތްތައް ބިމާ ހަމަކޮށް، ގާޒާގެ އުމްރާނީ ތަރައްގީއަށް އަމާޒުކޮށް އެތަކެއް ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލުގެ މި ލާއިންސާނީ މިހަމަލާތަކާއި ދެކޮޅަށް ދުނިޔޭގެ އެކިކަން ކޮޅުތަކުގައި، އަޑުތައް އުފުލަމުންދާއިރު، މިހަފްތާގެ ހޮނިހިރުދުވަހު، އިނގިރޭސިވިލާތުގެ ލަންޑަނުގައި ވަނީ އެތައްހާސްބަޔަކު މަގުތަކަށް އެއްވެ އަޑު އުފުލާފައެވެ.
އަދި ރާއްޖޭގައިވެސް، ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު ހާމަކޮށްދިނުމުގެ ގޮތުން މި ހަފްތާގެ އަންގާރަ ދުވަހު އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި، ފަލަސްތީނުގެ ރައްޔިތުން ތިބީ މުސްލިމް އަޚުންނާއި އުޚުތުންގެ އެހީތެރިކަމަށް މިވަގުތު ނިހާޔަތަށް ބޭނުން ވެފައެވެ. އެއީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުން ކަމުގައި ވިޔަސް، ހެޔޮ ދުއާތައް ކަމުގައިވެސް، މި ހުރިހާ ގޮތަކުންވެސް ފަލަސްތީނާ އެއްބައިވުމަކީ، މިއަދު އެންމެހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ނުވެ ނުދާނެކަން ކަށަވަރެވެ.
ކޮމެންޓު ފޮނުވާ