ނިއުކާސަލް އަތުން ޗެމްޕިއަން ސިޓީއަށް އުނދަގޫ މޮޅެއް

ނިއުކާސަލް އަތުން ޗެމްޕިއަން ސިޓީއަށް އުނދަގޫ މޮޅެއް

Author
ޔޫސުފް
15 މެއި 2021 03:47
0

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ޗެމްޕިއަން މެންޗެސްޓަރ ސިޓީ އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށްފަހު ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ސިޓީ ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ސިޓީ ކުރިމަތިލީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ސިޓީގެ ގޯލު ރޭގެ މެޗުގައި ބެލެހެއްޓީ އުމުރުން 35 އަހަރުގެ ސްކޮޓް ކާސަންއެވެ. މިއީ ކާސަން ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއުކާސަލް ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެމީލް ކްރާފްޓްއެވެ. އެކަމަކު ނިއުކާސަލުން ލަނޑެއް ޖަހާ ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް ސިޓީން ވަނީ 2 ލަނޑު ޖަހާ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޔާއޯ ކަންސެލޯ ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ލީޑު ނަގައިދިން ލަނޑު ފުރަތަމަ ހާފް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ، ފެރާން ޓޮރޭސްއެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮއެލިންޓަން ވަނީ ޕެނަލްޓީ އަކުން ނިއުކާސަލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން، 62 ވަނަ މިނެޓުގައި ނިއުކާސަލުން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. އެ ޓީމުގެ ޖޯސެފް ވިލޮކް ފޮނުވާލި ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ސްކޮޓް ކާސަން މަތަކުރި ނަމަވެސް، ވިލޮކް ވަނީ ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނިޓާއި 66 ވަނަ މިނިޓްގައި ދެ ލަނޑު ޖަހައި ޓޮރޭޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށް، ސިޓީ އަށް އަނެއްކާ ވެސް ލީޑު ނަގައިދީފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑަކާއެކު ސިޓީ އޮތްއިރު، އެ ޓީމަށް ވަނީ ކުޅުނު 36 މެޗުން 83 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ޔުނައިޓެޑަށް 36 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.