ކޯވިޑް-19އާއި ގުޅިގެން ޢަމަލުކުރަމުން އަންނަ ކާފިއު ގަޑީގައި ކެފޭ ރެސްޓޯރަންޓްތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ޑެލިވަރީކުރުމަށް ދޫކުރާނީ 2 ފާސްކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ކޯވިޑާއި ގުޅިގެން ކެފޭ ރެސްޓޯރަންޓް އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހުޅުވައިއަދި ޑެލިވަރީގެ ޚިދުމަތްދެވޭނެ ގަޑިތަކެއް އިކޮނޮމިކް މިނިސްޓްރީއާއި އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން 12 މެއިއިން 18 މެއިގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދުއެވެ. އަދި ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.
ކާފިއު ވަގުތު ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ. ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ ހަވީރު 16:00 ހަމައަށްކަމަށެވެ. އަދި ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް މެންދަމު 12:00 އަށް ދެވޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިމަހުގެ 14 އިން 19 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ޢާންމުކޮށްފައިވާއިރު، އެ އުސޫލުގައި ވަނީ މުދާ ޑެލިވަރ ކުރުމަށް އެދޭ ވިޔަފާރިތަކަށް ދޫކުރާނީ 2 ޑެލިވަރީ ފާހާއި، 2 ސަޕޯޓް ސްޓާފް ފާހެވެ. ކެފޭ ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ދޫކުރާނީ 2 ޑެލިވަރީ ފާހާއި، 4 ސަޕޯޓް ސްޓާފް ފާހެވެ. ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާނީ 1 ފާހެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށާއި ރެސްޓޯރަންޓްތަކަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ދޫކުރާނީ 2 ފާސްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާ ފާސްފިޔަވައި އެހެން ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްވެ. ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާ ފާސް ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށެވެ.
ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ ޢަދަދަށްވުރެ އިތުރަށް ފާސް ބޭނުންވާނަމަ، މުވައްޒަފުންގެ ތަފްޞީލު އަދި މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްޞީލު އިކޮނޮމިކް މިނިސްޓްރީއަށް ([email protected] ) އަށް އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހެއެވެ. ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ ޢަދަދަށްވުރެ އިތުރަށް އެދޭ ޙާލަތުތަކުގައި، އެ ވިޔަފާރިއެއްގެ މަސައްކަތްތަކަށް އިތުރަށް މުވައްޒަފުން ބޭނުންވާ މިންވަރު ދިރާސާކުރުމަށްފަހު ވަކި ގޮތެއް ކަނޑައަޅާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ