މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި މީހުންކަމަށްބުނެ އާންމުކުރި ލިސްޓާއިއެކު ގިނަބައެއްގެ ފާޑުކިޔުން މިމައްސަަ ބަލަން ސަރުކާރުން ހަވާލުކޮށްފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް އަމާޒުވެއްޖެއެވެ.
ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން އުފެދުނުތާ ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކޮމިޝަނަށް އެމްއެމްޕީއާރުސީ މައްސަލަ އެކަށިގެންވާ މިންވަރާއި ގާތަށްވެސްބެލިފައި ނުވާކަން ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. ކޮމިޝަނަށް މަސައްކަތް ނުކުރެވިގެން ރައްޔިތުންގެ މަޖިލީހުން މިމައުލޫމާތު ހޯދުމަށް ކޮމިޝަންގައި އެދުމުން 281 މީހެއްގެ ނަމާއިއެކު ވަނީ މަޖިލީހަށް ލިސްޓު ފޮނުވާފައެވެ.
ކޮމިޝަނުން ފޮނުވާފައިވާ ލިސްޓަކީ ސިއްރު ލިސްޓެއްކަން ލިސްޓުގައި ބޮޑުއަކުރުން ލިޔެފައި އޮތް ނަމަވެސް މަޖިލީހުގެ މިމައްސަލަ ބެލި ކޮމެޓީގެ މެމްބަރުންނަށް ފެނުނީ މިމައްސަލަ އަކީ އާންމު ރައްޔިތުންނާއި އެހާމެ މަސްހަތު އޮތް މައްސަލައަކަށްވުމުން ލިސްޓު ސިއްރު ކުރުމަސްވުރެއް އާންމު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. މިލިސްޓު އާންމު ކުރުމާއި ހަމައަށްވެސް އާންމު ގިނަ ރައްޔިތުން ގަބޫލުކޮށްގެންތިބީ ލިސްޓުގައި ހިމެނޭ ގިނަ މީހުންނަކީ ޚިޔާނާތުގެ ބައިވެރިކަން ޝައްކެއްނެތް މިންވަރަށް ޔަގީންވާނެކަމަށެވެ.
ނަމަވެސް ލިސްޓު ނެރުމާއިއެކު، ފައިސާލިބުނު ކަމަށް ނަން އޮތް ގިނަ މީހުންނާއި، ކުންފުނިތަކުން ބަޔާންނެރެ، އެކި ވަރުގެ ސްޓޭޓްމަންޓްތައް ދިޔައީ ނެރެމުންނެވެ. ކޮމިޝަނުން ސުވާލު ނުކުރާކަމަށާއި، އެފަދަ ލިސްޓެއްގައި ނަން އޮތްކަންވެސް އެގުނީ މަޖިލީހުން ލިސްޓު ނެރުމުންކަމަށް ދިޔައީ ބުނަމުންނެވެ. މިއާއިއެކު އެސެޓް ރިކަވަރީ ކޮމިޝަނަށް ކުރިމަތިވި ޕްރެޝަރު ބޮޑުވެ ކޮމިޝަންގެ ރައީސްވަނީ މިކަމަށް ޖަވާބުދާރީވެސް ވެވަޑައިގެންފައެވެ. ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ ލިސްޓުގައި ނަން އޮތް ކޮންމެ މީހަކު ކުށްވެރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި މިކަމުގައި ޝާމިލުނުވާ މީހުންގެ ނަންވެސް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ ވާހަކަ ދައްކާވާފައެވެ.
ޚިޔާނާތުގެ ލިސްޓާއި ގުޅިގެން އަބްދުﷲ ރިޔާޒުގެ ފާޑުކިޔުން ކޮމިޝަނަށް
ކޮމިޝަނުން މިމައްސަލަ މިހާތަނަށް ތަހުގީގު ކޮށްފައިވާ މިންވަރަށް ބަލާއިރު ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ފަށާފައިނުވެއެވެ. ކޮމިޝަނުން ދީގެން މަޖިލީހުން އާންމުކުރި ލިސްޓުގެ ގިނަ މީހުންގެ ނަމާއި ދިމާލުގައިވަނީ "އިންފޮމޭޝަން ކަލެކްޝަން" ނުވަތަ އަދިވެސް މައުލޫމާތު އެއްކުރަމުން ދާ ކަމަށް ޖަހައިފައެވެ. މި މަރުހަލާގައި 176 ކޭސް އޮތް ކަމަށް ޖަހާފައި އެބަ އޮތެވެ. ތަހުގީގު ކުރިއަށްދާ ކަމަށް އޮތީ 69 ނަމެއްގަ އެވެ. އެއީ 24.7 ޕަސެންޓެވެ. އަދި ޕްރިލިމިނަރީ އިންވެސްޓިގޭޝަންގެ މަރުހަލާގައި އޮތީ އެންމެ 10 ނަމެކެވެ. އެއީ ތިން ޕަސެންޓެވެ.
އެސެޓްރިކަވަރީ ކޮމިޝަންގެ މަސައްކަތްތަކާއިމެދު ގިނަބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ކޮމިޝަންގެ މަސައްކަތް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ. ކޮމިޝަނަށް ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ކޮމިޝަނަށް ވަނީފައެވެ. އެގޮތުން މަޖިލީހުން ވަނީ މިކޮމިޝަނުން ބޭނުންވެގެން ބޭނުންވި ހުރިހާ ޤާނޫނީ ކަމެއް ފަހިކޮށްދެއްވާފައެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުންވެސް ބޭނުންވި މިންވަރަށް ކޮމިޝަނަށް މިމަސައްކަތް ނުކުރެވޭތީ ކޮމިޝަން އުވާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވަނީ ގޮވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމާއި ހަވާލުވެވަޑައިގެނެވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައި ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ކޮރަޕްޝަނާއި، ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި 2020ގެ ފެބުރުއަރީ 20 ގައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށްވެސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.
އެ ކޮމިޝަންތަކަށް މިހާތަނަށް 12.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނަށެވެ. އެ ކޮމިޝަނަށް އެކަނިވެސް 7.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެތެރެއިން 6.9 މިލިއަން ރުފިޔާއަކީ އެ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.
މިސަރުކާރުގެ ރިޔާސީ ކޮމިޝަންތަކަށް އެކަނިވެސް މިހާތަނަށް 12 މިލިއަން ރުފިޔާ!
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ