ލީޑްސް ޔުނައިޓެޑް އަތުން ބަލިވެ ޓޮޓެންހަމް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް ލީޑްސް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވިނަމަ ލީގުގެ ފަސް ވަނައަށް އެރުމުގެ ފުރުޞަތު ޓޮޓެންހަމަށް އޮތެވެ. މިހާރު ޓޮޓެންހަމް އޮތީ ލީގުގެ ހަވަނައިގައެވެ.
މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ، ލީޑްސް ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޑަލަސްއެވެ. ނަމަވެސް 25 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ސޮން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑްސް އިން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ބެމްފޯޑްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ލީޑްސް ކުރީގައި އޮވެގެންނެވެ. ލީޑްސްގެ ތިންވަނަ ލަނޑު 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ރޮޑްރިގޯއެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 35 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއަށް 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 34 މެޗުން 58 ޕޮއިންޓް ލިބިފައެވެ. އަދި ޓޮޓެންހަމް ބަލިކުރި ލީޑްސް އޮތީ ތާވަލުގެ ނުވަވަނައިގައި 35 މެޗުން 50 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ