މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ޒުވާނުން ހެދުމަކީ ސަރުކާރުގެ އަމާޒު: ނައިބް ރައީސް

މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ޒުވާނުން ހެދުމަކީ ސަރުކާރުގެ އަމާޒު: ނައިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 12:59
0

މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ޒުވާނުން ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒުކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)ގެ ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެން.ޑީ.އޭ.ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމުގައެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގައެވެ. އަދި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުހެލިކުރުމަށް ތަފާތު ފަރުވާތައް ތަޢާރުފުކޮށް މަސައްކަތް ކުރަމުންދާ ކަމުގައި ވީ ނަމަވެސް، މި މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފުރިހަމަ އެއްބާރުލުމާއި ވެސް އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކޮންމެ މީހަކު ވެސް، އެ ވަބާއިން ސަލާމަތްވެ، މުޖުތަމަޢަށް އަލުން އެނބުރި ރުޖޫޢަވާން ޢަޒުމް ކަނޑައެޅުމަށް ގޮވައިލައްވާފައެވެ. އަދި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ޢާއިލާތަކާއި އަދި މުޖުތަމަޢުގެ ތެރެއިން ވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ގަގަން ކުލިނިކުގައި މިއަދު ފެށި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތަކުގެ ބޭނުމަކީ، އެން.ޑީ.އޭ.ގެ ބެލުމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދަމުންދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، އެ ކަމަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.