މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ މެޗުތައް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނެ

މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ މެޗުތައް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނެ

Author
ޔޫސުފް
06 މެއި 2021 04:25
0

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާލޭގައި ކުޅުމަށް ހަމަޖައްސާފައިވާ މެޗުތައް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

މާލޭގައި ކޯވިޑް-19 ގެ ކޭސްތައް ކަންބޮޑުވާ ވަރަށް އިތުރުވަމުންދިއުމާއި ގުޅިގެން މާލޭގައި ކުޅެން ރޭވިފައިވާ ގްރޫޕް ޑީގެ މެޗުތައް ފަސްކުރަން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެފްއޭއެމްއާއި އޭއެފްސީން މިއަދު މަޝްވަރާ ކުރުމަށްފަހު ނިންމީ، މުބާރާތް ނުބޭއްވޭ ވަރަށް ހާލަތު ގޯސް ނުވާނަމަ ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް މާލޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިއުމަށެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ހާއްސަ ހުއްދައެއްގެ ދަށުން ކުޅުމަށް އެޗްޕީއޭއިންވެސް ވަނީ ހުއްދައެއް ދީފައެވެ. އެގޮތުން ގްރޫޕް ޑީ އަށް ކޮލިފައިވާނެ ހަތަރު ވަނަ ޓީމު ކަނޑައެޅުމަށް ކުޅެން ޖެހޭ ޕްލޭއޮފް މެޗުވެސް މިމަހުގެ 11 ވަނަ ދުވަހު މާލޭގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުގައި ވާދަކުރާނީ ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރް އެފްސީއެވެ.

ޚަބަރު އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި އީގަލްސް މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި ކަރަންޓީން ވުމަށްޓަކައި އެޓީމަކަށް ޙާއްސަ ކުރެވިފައިވާ ހޮޓަލަށް ވަންނާނެއެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް ބާއްވާނީ މި މަހު 14 އިން 21 އަށް މާލޭގަ އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.