މާލޭގައި ކޯވިޑް-19 ގެ ކޭސްތައް އާދަޔާ ހިލާފަށް އިތުރުވަމުންދާތީ މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގެ މެޗުތައް ފަސްކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރް އެފްސީ މިމަހުގެ 11 ވަނަ ދުވަހު ވާދަކުރަން އޮތީ ޝެޑިއުލްކޮށްފައެވެ. އަދި މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ބުދަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީއާއެކު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރުމަށް އޭއެފްސީއާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭއެފްސީ ކަޕް ފަސްކުރަން މަޝްވަރާކުރަމުން އަންނައިރު، ދާދި ފަހުން އެޗްޕީއޭއިން ވަނީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހާއްސަ ހުއްދައެއް ދީފައެވެ.
މާލެ ސަރަހައްދުގައި ދުވަހަކަށް ވުރެއް ދުވަހެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި އިން ފެށިގެން މާލެ ސަރަޙައްދުގައި ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ