2008 ވަނަ އަހަރު އާގާނޫނު އާސާސީއެއް ބަލައިގަނެ، ވެރިކަމުގެ މުޅިން އާ ނިޒާމަކަށް ދިވެހިރާއްޖެ އަލި ވިލުނުފަހުން، ރާއްޖޭގެ ސިޔާސީ މަސްރަހުން އިވެމުންދަނީ ކޯލިޝަތަކުގެ އަޑުތަކެވެ. އެއީ ރިޔާސީ އިންތިޚާބު ކަމުގައި ވިނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކަމުގައިވި ނަމަވެސް، ފެނިފައި ހުރީީ، އިންތިޚާބުތަކަށް ކޯލިޝަން ހަދައިގެން ވާދަ ކޮށްފައިވާ މަންޒަރެވެ.
ރައީސް މައުމޫނުގެ ދިގު ވެރިކަމަށްފަހު، ވެރިކަން ހިންގުމުގެ ނިޒާމު ފުރިހަމަ ރިޔާސީ ނިޒާމަކަށް ބަދަލުކޮށް، އެ އިންތިޚާބުގައި ރައީސް މައުމޫނާ ދެކޮޅަށް ނުކުތީ ރައީސް މައުމޫނާ އިދިކޮޅަށް އެހެން ހުރިހާ ޕާޓީތަކުންނާ ފެކްޝަންތަކުން ކޯލިޝަން ހަދައިގެންނެވެ. އެ ކޯލިޝަނުން ވެރިކަން ކާމިޔާބު ކުރިއެވެ.
އެހެންނަމަވެސް، އެ ކޯލިޝަނަށް އެކީގައި ވެރިކަން ކުރަން ދެމި އޮވެވުނީ މަދު ދުވަސްކޮޅަކަށެވެ. އެއްބަޔަކު އަނެއް ބައެއްގެ ކަރު ހިފާ ހިސާބަށް ކަންތައް ދިޔައީއެވެ. ކޯލިޝަން ރޫޅުނީއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ސިޔާސީ ގޮތުން އުފެދުނު ހަތުރުވެރިކަމުގައި ދުރަށް ގޮސް، އާ ސިޔާސީ ޕާޓީތައްވެސް އުފަންވެ، އެގޮތް މިގޮތްވެ ސިޔާސީ މަސްރަހު ގަޑުބަޑުވީއެވެ.
މަދު ދުވަސް ކޮޅެއް ނުވަނީސް، އޭރު ވެރިކަމުގައޮތް އެމްޑީޕީން މުޅި ވެރިކަމަކީ އެޕާޓީގެ އަމިއްލަ ވަރިކަމަށް ހެދުމުން އަނެއްކާވެސް އެހެން އެންމެ އެގަލަކަށް އާ ކޯލިޝަނެއް އުފަންވިއެވެ. އެކޯލިޝަން އުފަންވެ، ކުރިޔަށްދިޔަ މަޝްހޫރު 22 ދުވަހުގެ މުޒާހިރާތަކަށްފަހު، ރައީސް ވަހީދުގެ ވެރިކަން ފެށިގެން އައީ އެކޯލިޝަންގެ ހުރިހާ ބައިވެރިންނާ އެކީގައެވެ.
މަދު ދުވަސް ކޮޅަކަށްފަހު، ކުރިމަތިވި ރިޔާސީ އިންތިޚާބުގައި، އެމްޑީޕީއާ ދެކޮޅަށް އެމްޑީޕީ ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ހެދީ ފުޅާ ކޯލިޝަނެކެވެ. އެ ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިއެވެ. ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންއެވެ. އެހެންނަމަވެސް، މަދު ދުވަސްކޮޅެއް ނުވަނީސް ކުރަންޖެހުނީ ވަރަށް ހިތާމަވެރި ތަޖުރިބާއެކެވެ.
ކޯލިޝަން ލީޑަރުން އެކަކު އަނެކެއްގެ ކަރުގައި ހިފާ ހިސާބަށް ކަންތައް ދިޔައީއެވެ. ރައީސް ޔާމިންގެ ވެރިކަމުގައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ދާންޖެހުނީ ޖަލަށެވެ. އަނެއްބައި ލީޑަރުންނަށް ޖެހުނީ ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާ ލެއްވިގަންނާށެވެ.
ޖަލުގައި ތިބެގެންވެސް، އަދި ގައުމުން ބޭރަށް އަރުވާލެއްވިގެން ތިއްބަވައިގެންވެސް، ލީޑަރުން ރައީސް ޔާމީނާ ދެކޮޅަށް ކޯލިޝަން ހެއްދެވީއެވެ. ހެއްދެވީ މިހާތަނަށް އަދި އުފަން ނުވާވަރުގެ ބޮޑު ކޯލިޝަންއެކެވެ.
ކޯލިޝަންގެ 4 ލީޑަރުން ޖަލުގައި ތިއްބަވައިގެންނާ، ގައުމުން ބޭރުގައި ތިއްބަވައިގެން، މުޅި ސަރުކާރު އޮންނަންވާނޭ ގޮތުގެ ޗާޓު ކުރައްސަވާ، ކެބިނެޓްވެސް އެކުލަވާލައްވާ، އިންތިޚާބުތަކުގައި ވާދަ ކުރާނޭގޮތުގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖެއްސެވީއެވެ. އަދި އެމްޑީޕީން ރިޔާސީ ކެނޑިޑޭޓެއް ނެރުމަށް ހަމަޖައްސަވާ، ރަނިންގ މޭޓެއްގެ މަގާމް ޖުމުހޫރީ ޕާޓީއަށް ދޭން ހަމަޖެއްސީއެވެ.
2018ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، މި ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިއެވެ. ވެރިކަމަށް ވަޑައިގެންނެވީ ރައީސް އިބުރާހިމް މުހައްމަދި ސޯލިހެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވައުދަކީ ވެރިކަން ކުރައްވާނީ ކޯލިޝަންއާއެކީގައި ކަމުގެ ވައުދެވެ. ކޯލިޝަން ރުޅާ ނުލައްވާނެ ކަމުގެ ވައުދެވެ. އެވައުދު އެމަނިކްފާނު ފުއްދަވަމުން، ސާބިތު ކުރައްވަމުން އެބަ ގެންދަވައެވެ.
އެހެންނަމަވެސް، ވެރިކަމުގެ ދައުރު ދެބައިވެ، ސިޔާސީގޮތުން އެތަކެއް ކޯޅުމަކާއި، އެތަކެއް ބަދަލުތަކެއް ސިޔާސީ މަސްރަހަށް އަންނަމުންދާއިރު، ކޯލިޝަން ސަރުކާރު ދެމި އޮތީ ކޮން ގޮތަކަށްތޯ، އަދި ކޮން އަސާސެއްގެ، ކޮން އަސްލެއްގެ މައްޗަށް ބިނާވެގެންތޯ މިއީ މިހާތަނުން ގިނަބަޔަކު ކުރަން ފަށާފައިވާ ސުވާލެވެ.
ކޯލިޝަން މިހާރު އޮތް ގޮތް
ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވިނަމަވެސް، ރައީސް އިބުރާހިމް މުހައްމަދު ސޯލިހު އަދިވެސް ކުރައްވަމުން ގެންދަވަނީ ކޯލިޝަންގެ ވެރިކަމެކެވެ. އެމަނިކްފާނު އެންމެ ފުރަތަމަ ވައުދު ވެވަޑައިގެންނެވި ފަދައިން، ކޯލިޝަންގެ ގޮތުގައި ވެރިކަމަށް އައި ސަރުކާރު އަދިވެސް އޮތީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައެވެ.
ސަބަބަކީ، ފާއިތުވެދިޔަ ދައުރުތަކުގެ ކޯލިޝަންތައް ފަދައިން ރަސްމީ ހައިސިއްޔަތުން ކޯލިޝަނުން ވަކިވިކަމެއް ކޯލިޝަންގެ އެއްވެސް ޕާޓީއަކުން އިއުލާން ކޮށްފައި ނުވުމެވެ. އަދި ކޯލިޝަންގެ ލީޑަރަކު، ސަރުކާރަށް 3 އަހަރު ފުރިގެން ދާއިރު، ކުޑަމިނުން ސަރުކާރަށް ފާޑު ކިޔާފައި ނުވާތާގައި، އަދިވެސް ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވަމުން ގެންދަވަނީ ތައުރީފެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ގިނަ ޕްރެސް ކޮންފަރެންސްތައް ނިމުމުން، ރައީސް މައުމޫން ވަނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުއަށް ތައުރީފް ކުރައްވާ ޓުވީޓުވެސް ކުރައްވާފައެވެ.
On behalf of MRM, I thank the President @ibusolih for assuring the nation that this is a coalition government and that the coalition will remain. @presidencymv @MRM_Office @MRM_Youth @ElectionsMv
— Maumoon Abdul Gayoom (@maumoonagayoom) June 23, 2020
ގާސިމް އިބުރާހިމްވެސް ވިދާޅުވެފައިވަނީ، ސަރުކާރު ހިގަމުންދަނީ ރަގަޅަށް ކަމަށާއި ޖުމުހޫރީ ޕާޓީ ދެމިއޮންނާނީ ކޯލިޝަން ސަރުކާރުގައި ކަމަށެވެ. އެކަން އެމަނިކްފާނު ގެންދަވަނީ ސާބިތު ކުރައްވަމުންނެވެ.
ދެންހުންނެވި ލީޑަރަކީ އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާނެވެ. ހުންނެވީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައެވެ.
އެހެންކަމުން، މިއީ އާ ޑިމޮކްރަސީގެ ނިޒާމު ދިވެހިން ބަލައިގަތް ފަހުން، މި ސަރުކާރަކީ އެންމެ ގިނަ ދުވަހު ކޯލިޝަނަކުން ވެރިކަން ކުރަމުން އައި ސަރުކާރު ކަމުގައި ނުވެ ނުދާނެކަން ކަށަވަރެވެ.
އެހެންނަމަވެސް، ކޯލިޝަން ޕާޓީތަކުން، ކޯލިޝަން އުވާލިކަން ރަސްމީކޮށް ހާމަ ކޮށްފައި ނުވާތީ، ކޯލިޝަން ސަރުކާރު ދެމި އޮތްކަމުގައި ވިނަމަވެސް، ކޯލިޝަން ސަރުކާރު އޭގެ ޒާތުގައި ދެމި އޮތީ ކިހިނެއްކަން މިއީ، ކޯލިޝަން ސަރުކާރަށް 3 އަހަރު ފުރިގެންދާއިރު މިއަދު ސިފަކޮށްލަންޖެހޭ މަންޒަރެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ކޯލިޝަން ސަރުކަރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އެންމެ ފުރަތަމަ އެކުލަވާލި ކެބިނެޓްގައި ޖުމްހޫރީ ޕާޓީގެ 5 ވަޒީރުން ތިއްބެވިއެވެ. އަދާލަތު ޕާޓީގެ 3 ވަޒީރުން ތިއްބެވިއެވެ. އެމްއާރުއެމްގެ 4 ވަޒީރުން ތިއްބެވި އިރު، އާ ކެބިނެޓް ހުވާ ކުރެއްވީ އެމްޑީޕިގެ 7 ވަޒީރުންނާއެކުއެވެ.
މާނައަކީ އެމްޑީޕީއަށް %38 ކެބިނެޓްގައި އޮތްއިރު، ޖުމުހޫރީ ޕާޓީއަށް %28 އެމްއާރުއެމް އަށް %22، އަދާލަތު ޕާޓީއަށް ކެބިނެޓުން %17 ލިބިގެން ދިޔައެވެ.
އެހެންނަމަވެސް، ކޯލިޝަން ސަރުކާރަށް 1 އަހަރު ފުރިގެން ދިޔަތަނާ ކަހަލަ ގޮތަކަށް އަދާލަތު ޕާޓީގެ ފަރާތުން ޖެންޑަރ މިނިސްޓަރުކަމަށް އައްޔަން ކުރެވުނު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވިއެވެ. ޝިތާދާ އިސްތިއުފާ ދެއްވުމުން އެޕާޓީގެ ޕާޓީގެ ލީޑަރު ޝެއިޚް އިމްރާނު ވިދާޅުވީ، ޝިދާތާގެ ތަރި އޮއްސިގެން ނުދާނެ ކަމުގައެވެ.
Adhaalath Party ge khaariji gulhunthakaabehey committee ge muqarrir Shidhatha Shareef akee raajjeyge siyaasi thaareekhga ufedhunu hivarugadha kanbaleh. AP aa khudhu alhugandah ekamana kohdhevvi aguhuri khidhumayithakaa vevadaigenfaivaa qurbani minkureveyvarahvure bodu.
— Imran Abdulla (@ShimranAb) February 6, 2020
ޝިދާތާ މަގާމުން އިސްތިއުފާ ދެއްވިތާ ދޮޅު އަހަރު ވެގެން ދިޔައީއެވެ. އަދާލަތު ޕާޓީގެ ވެރިންގެ ތިއްބެވީ ސަރުކާރުގެ އިސްމަގާމްތަކުގައެވެ. ޝިދަތާ މިނިސްޓަރުކަން ކުރެއްވި ޕާޓްފޯލިއޯވެސް އަދާލަތު ޕާޓީއަށް އަބުރާ ލިބިފައެއް ނުވެއެވެ.
ސަރުކާރަށް ދެއަހަރު ފުރިގެން ނުދަނީސް ޖުމުހޫރީ ޕާޓީގެ ދެވަޒީރަކު މަގާމުން ވަކި ކުރެވުނު އިރު އަނެއް ވަޒީރުވަނީ އިސްތިއުފާ ދެއްވާފައެވެ. ޓުއަރިޒަމް މިނިސްޓްރީގެ ސްލޮޓު އެޕާޓީގެ މެމްބަރަކަށް ލިބުނުނަމަވެސް، އަނެއް ދެވުޒާރާއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ އެމްޑީޕީގެ މެމްބަރުންބެވެ. ޖުމުހޫރީޕާޓީއަށް އެޕާޓީގެ ހުރިހާ ސްލޮޓްތަކެއް އަބުރާ ލިބިގެނެއް ނުދިޔައެވެ.
މިއަދާ ހަމައަށް އައިއިރު، އެމްއާރުއެމްގެ ދެވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ. އެންމެ ސުލޮޓެއްވެސް އެމްއާރުއެމްއަކަށް ނުލިބުނެވެ.
މިގޮތުން، މިހާރުގެ ކެބިނެޓްގެ ކޮމްޕޮޒިޝަންއަކީ، ކެބިނެޓްގައި އެމްޑީޕީގެ 11 ވަޒީރުން ތިއްބެވިއިރު، އަދާލަތު ޕާޓީގެ ތިއްބެވީ އެންމެ 2 ވަޒީރެކެވެ. ޖުމްހޫރީޕާޓީގެ 3 ވަޒީރުން ތިއްބެވިއިރު އެމްއާރުއެމްގެ 2 ވަޒީރުން އަދިވެސް ކެބިނެޓްގައި އެބަ ތިއްބެވިއެވެ.
އެހެންކަމުން ކޯލިޝަންގެ ޕާޓީތަކުން ކޯލިޝަންގައި މިހާރު ހިއްސާކުރާ ނިސްބަތަކީ، ވެރިކަން ކުރާ އެމްޑީޕީން %61 ހިއްސާ ކުރާއިރު، ކެބިނެޓްގައި އޮތީ ޖުމްހޫރީ ޕާޓީގެ %17 އެވެ. ކޯލިޝަންގައި ހިމެނޭ އަނެއް ދެ ޕާޓިންވެސް ކެބިނެޓުގައި މިހާރު ހިއްސާ ކުރަމުންދަނީ އެންމެ %11 އެވެ.
އެހެންކަމުން، 2018ގެ ރިޔާސީ އިންތިޚާބަށް އުފެދިގެން އައި ކޯލިޝަނުން އޭރު އެއްބަސްވި، އެކުގައި މަޖިލިސްއިތިޚާބުގައި ވާދަކުރުމާއި، އަދި އެކުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ އިތުރުން، ސަރުކާރު އެހެނިހެން މަގާމްތައްވެސް ބެހުމުގައި އޭރު ކަޑައެޅި އަސާސަތައް ދެމެހެއްޓިފައި ނުވާއިރު، މިހާތަނަށް ބެލެވިފައި އޮތީ، ކޯލިޝަންޕާޓީތައް އޭގެ ޒާތުގައި ސަރުކާރުގައި ދެމި ތިބުމުގެ އަސްލަކީ ކެބިނެޓް ކަމުގައެވެ.
އެހެންނަމަވެސް، ސަރުކާރަށް 3 އަހަރު ވެގެންދާއިރު، ކޯލިޝަން ކެބިނެޓްގެ އަސްލުވެސް މިއޮތީ ވަރަށް ބޮޑުތަނުން ގެއްލިފައެވެ. އޮޅުން ބޮޅުން ވެފައެވެ. އަސްލު މިވަނީ ގެއްލިފައެވެ.
އެހެންނަމަވެސް، ލީޑަރުން އަދިވެސް ތިއްބެވީ ކޯލިޝަން ސަރުކާރުގައެވެ. 2018 ވަނަ އަހަރު ވެރިކަމަށް އައި ކޯލިޝަން ޕާޓީތަކުން އަދިވެސް ބިއްބެވީ ކޯލިޝަންގެ ކަމަރުން ބަދެވިގެންނެވެ. ޕާޓީތަކުގެ ވަޒީރުން މަގާމްތަކުން ވަކިވެގެން ދިޔަޔަސްވެސް ލީޑަރުންނާ ޕާޓީތަކުން ތިއްބެވީ ކޯލިޝަންގައެވެ. ސަރުކާރާ އަތާ އަތް ގުޅުވާލައިގެންނެވެ. ލީޑަރުން ސަރުކާރަށް ފާޑެއް ވިދާޅެއް ނުވެއެވެ. ކޯލިޝަން ދެމި އެބައޮތެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ، ވެރިކަން ކުރައްވާނީ ހުރިހާ ޕާޓީތަކާ އެކީގައި ކަމަށެވެ.
އެހެންނަމަވެސް، ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެއް އެބައޮތެވެ. ކެބިނެޓުން ޕާޓީތަކަށް ލިބިފައިވާ ފުރުސަތުތައް ގެއްލުނަސް، ވަޒީރުން ވަކިވެ އެ ޕޯޓްފޯލިއޯތައް އަބުރާ ޕާޓީތަކަށް ނުލިބުނަސްވެސް، ޕާޓީތަކުގެ ލީޑަރުން މިތިއްބަވަނީ ކޯލިޝަން ހައްދަވާގެން ބާވައެވެ. ނުވަތަ މި ލީޑަރުން، ހަނު ތިއްބަވަންޖެހޭ ސަބަބެއް އެބައޮތްބާވައެވެ.
ކޯލިޝަން ލީޑަރުންނަށް ވެފައި ތިއްބެވި ގޮތް
އެމްއާރުއެމްއަށް ކެބިނެޓުން ލިބުނު ސްލޮޓްތަކުގެ ތެރެއިން ދެވަނަ ސްލޮޓު އިއްޔެ މިވަނީ ގެއްލިގެން ގޮސްފައެވެ. ޒަހާވަހީދު ފިޝަރީޒް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާއެކު، އެ މަގާމަށް ރައީސް އައްޔަން ކުރައްވާފައިވަނީ، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރމަންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އެމްއާރުއެމްއަށް އެޕާޓީގެ ސްލޮޓް ލިބިފައެއް ނުވެއެވެ.
ރައީސް މައުމޫން ހުންނެވީ ހަނުއެވެ. ޕާޓީގެ މަސްލަހަތު އިސްކުރައްވައިގެން ކޯލިޝަންގައި ދެމި ހުންނަވާނަމަ، ޕާޓީގެ ސްލޮޓް ގެއްލިގެން ދިޔަ ދިއުމާމެދު ކޮންމެވެސް އެއްޗެއް ވިދާޅުވަންވާނެ ކަމާމެދު ޝައްކެއް ނެތެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދަނީ، ތިމާގެވެސް ބޭފުޅެއް ކަމުގައިވާ ޒަހާގެ މަގާމް ގެއްލިގެން ދިޔައިރުވެސް، އަދި ޕާޓީގެ ސްލޮޓް ޕާޓީއަށް ގެއްލިގެން ދިޔައިރުވެސް، ހާލަތާމެދު އެއްޗެއް ވިދާޅުވެވޭކަމަށް ރައީސް މައުމޫނަށް ނެތްކަމުގައެވެ. ދަރިކަބަލުން ޔުމްނާ މައުމޫންގެ މަގާމު ދިފާއު ކުރެއްވުމުގެ މަސްލަހަތު އިސްކުރައްވަން ޖެހިވަޑައިގަންނަވާތީއެވެ.
ޖުމްހޫރީ ޕާޓީއަށް ކެބިނެޓްގެ މުހިންމު އެތަކެއް ސްލޮޓެއް ގެއްލިއްޖެއެވެ. ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ޓެކްނޮލޮޖީ މިނިސްޓްރީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އުވާލެއްވީ، އެ ސްލޮޓަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަން ޖުމްހޫރީ ޕާޓީގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައި ވަނިކޮށެވެ. އެހެންނަމަވެސް އެޕާޓީގެ ލީޑަރު ހުންނެވީ ހަނުއެވެ. ފާއިތުވެދިޔަ ތަނުގައިވެސް ހަނު ހުންނެވި ފަދައިންނެވެ.
އެހެންނަމަވެސް، ކޮރަޕްޝަންގެ ތުހުމަތުތައްވެސް ކުރެވި، އަދި މިނިސްޓްރީގެ ހިންގުމުގެ އެތަކެއްކަމެއް ބޮއްސުންލާފައިވާކަމުގެ ގިނަ ޝަކުވާތަކެއް މިހާތަނަށް ކުރެވިގެން ދިޔަނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ އަނބި ކަނބަލުން އައިޝަތު ނަހުލާ ހުންނެވީ ވަޒީރު ކަމުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރަށް ޖެހިވަޑައިގެންފައިވަނީ އަނބި ކަނބަލުންގެ ވަޒީފާ ހިމާޔަތް ކުރައްވާށެވެ. ދިމާލަކަށް ހިރިލެވޭކަށް ނެތެވެ.
އަދާލަތު ޕާޓީއެވެ. ވަޒީރުކަމުގައި ހުންނެވީ ސީދާ ޕާޓީގެ ލީޑަރެވެ. ޕާޓީގެ ރައީސަށް ޖެހިވަޑައިގެންފައިވަނީ، އެހެން ހުރިހާކަމެއްގެ މައްޗަށް އަމިއްލަފުޅު ވަޒީފާ ދިފާއު ކުރައްވާށެވެ.
އެހެންކަމުން ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ގަބޫލު ކުރެވޭ ގޮތުގައި، ކޯލިޝަންގެ މުގުލުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ހުންނެވީ ކޯލިޝަން ލީޑަރުންގެ ޑިއެންއޭ ރަގަޅަށް ދަސްކުރައްވައިގެންނެވެ. ކޯލިޝަން ކޮންމެ ލީޑަރެއްގެ ފައިގެ ބޮޑުވައި އިގިލީގައި އައްސަވާލައްވަން ޖެހޭ ރޮދި އެމަނިކްފާނު ހުންނެވީ ރަގަޅަށް އައްސަވާ ލައްވައިގެންނެވެ. އެމަނިކްފާނު ވިދާޅުވާ ފަދައިން މިސަރުކާރު ދެމިއޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައެވެ.
ޖުމްހޫރީޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއިން ކޮންމެ ޕާޓީއަކުން 1 ވަޒީރަކު، އަނބި ކަބަލުންނާއި، ދަރި ކަނބަލުންނާއި އަދި ޕާޓީގެ ލީޑަރު ކެބިނެޓްގައި ދެމި ތިއްބަވާހާ ހިދަކު ކޯލިޝަން ރޫޅިގެނެއް ނުދާނެއެވެ. 2008ގެ ޑިމޮކްރަސީއަށްފަހު، ކޯލިޝަން ސަރުކާރަކުން ފުރަތަމަ ފަހަރަށް ދައުރު ފުރިހަމަ ކުރާނެ ސަރުކާރަށް މިސަރުކާރު ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
އެހެންނަމަވެސް، ކޯލިޝަން ސަރުކާރެއް ދެމި އޮތުމުގެ އަސްލު ކަމުގައި ވެގެންދަނީ، ރައީސް އިބުރާހިމް މުމައްމަދު ސޯލިހުގެ ހިކުމަތު އަމަލީގެ މޮޅުކަމުންތޯ، ނުވަނަ އޮތީ ހަމަ އެކަނި ލީޑަރުންގެ ކޯލިޝަނެއްތޯ މިއީ ކިޔުންތެރިން ޖަވާބު ދެންވަންވީ ސުވާލެކެވެ!