އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް މާލޭގައި ކުޅުމަށް ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް މާލޭގައި ކުޅުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 14 އިން 20 ގެ ނިޔަލަށެވެ. މި ގްރޫޕްގައި ހިމެނޭ ޓީމު ތަކަކީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް އާއި އިންޑިއާގެ މޯހަން ބަގާންއެވެ. ދެން މި ގްރޫޕުން ޖާގަ ލިބެނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރް އެފްސީ ވާދަކުރާ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ. ޕްލޭއޮފް މެޗު ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހު މާލޭގައެވެ.
އޭއެފްސީ ކަޕާއި ގުޅޭގޮތުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއް ވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ޔޫތް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީން މިކަމާއި މަޝްވަރާކުރުމަށްފަހު ޙާއްސަ ހުއްދައެއްގެ ދަށުން ރާއްޖޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުޅުމަށް ހުއްދަ ދޭން ނިންމާފައިވާކަމަށެވެ.
މަބްރޫކް ވިދާޅުވީ، މުބާރާތް ކުރިޔަށްދާނީ އެޗްޕީއޭއާއި އޭއެފްސީ ކަނޑައަޅާ ޙާއްސަ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން މުބާރާތައް ރާއްޖެ އަންނަ ޓީމުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އަތުގައި ޕީސީއާރު ނެގެޓިވް ރިޒަލްޓް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޓީމުތައް އައިސް ތިބޭނީ އެ ޓީމަކަށް ޙާއްސަ ކުރެވިފައިވާ ހޮޓަލުގައި ކަމަށާއި، ހޮޓަލުން އިތުރު ތާކަށް ޓީމުތަކުގެ އެއްވެސް މީހަކަށް ނުދެވޭނެކަމަށެވެ. ހަމައެކަނި ހޮޓަލުން ނުކުންނާނީ ދަނޑަށް ދާން އެކަނި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖެއިން ފުރައިގެން ދާއިރުވެސް ހުރިހާ ޓީމަކުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިހާތަނަށް އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީއާ ދެކެވުނު ވާހަކަތަކުގައި އެއްބަސްވެވިފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން މިއީ ބައިނަލްއަގުވާމީ މުބާރާތަކަށްވާތީ އެ މެޗުތައް ކުޅުމަށް ޖާގަ ދޭން. ދެން އެކަން ކުރުމުގައި އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނަކާ އޭއެފްސީގެ ކޮވިޑް ސިޓުއޭޝަނާ ގުޅިގެން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާން ޖެހޭނެ ކަމަށް،"
މިހާރު އޮތް ގޮތުން އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗު މިމަހުގެ 11 ވަނަ ދުވަހު މާލޭގައި ކުޅެން އޮތީ ޝެޑިއުލްކޮށްފައެވެ. އަދި މެޗުގައި ރާއްޖޭގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅޭ އިންޑިއާގެ ބެންގަލޫރު އެފްސީ މިހަފްތާ ތެރޭގައި ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ޑީގެ މެޗުތައްވެސް މާލޭގައި ކުޅުމަށް އޭއެފްސީން ނިންމާފައިވާތީ މި ގްރޫޕްގައި ހިމެނޭ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް މާލެ އަންނަން އޮތީ ޝެޑިއުލްކޮށްފައެވެ.
ކޮމެންޓު ފޮނުވާ