އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ދިވެހި ތަރުޖަމާ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އިން ނެރެފިއެވެ.
ރޭ ބޭއްވި ރަސްމީޔާތެއްގައި މި ތަރުޖަމާ ނެރެދެއްވީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީގެ ދިވެހި ތަރުޖަމާ ނެރުމުގެ ބޭނުމަކީ އެ އެއްބަސްވުމުގައިވާ ކަންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބުނެދިނުން ކަމަށެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ނުރައްކަލުގެ ވާހަކަތައް ޑީއެންއޭގެ ފަރާތުން ބުނެދެމުންދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މިއަދުގެ ސިޔާސީ ހަގީގަތަކީ ވަރަށް ގިނަ ލޯނުތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފި. އޭގެ ސަބަބުން ސަރުކާރުގެ އެތައް ބަޔަކު އަނގަ ބަންދުވެއްޖެ. ސިޔާސީ ޕާޓީތަކަށް އެތައް ވަރަކަށް ފަންޑުކޮށްފި. އެކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަނގަ ބަންދުވެއްޖެ. އެހެންވީމަ މިއަދު މިކަމާ ދެކޮޅަށް ތެދުވެ ވާހަކަ ދެއްކުމުގެ އެންމެ އިސް ސަފުގައި މިތިބީ އަޅުގަނޑުމެން ކުރީގެ ސިފައިން.
– އުމަރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ މުނާޒް ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުގައި ބޭރުގައުމަކުން ހުށަހެޅި ހުށަހެޅުމަށް ސިފައިން ނޫނެކޭ ބުނި ކަމަށެވެ.
ސިފައިންގެ ފަރާތުން އޭރު ސަރުކާރަށް ހުށަހެޅުއްވީ ސިފައިންގެ ކުންފުނި، ސިވެކް މެދުވެރިކޮށް ފިއުލްފާމާއި ޑޮކްޔާޑް ތަރައްގީކޮށް، އެތަންތަން ހިންގޭވަރުގެ ކުންފުނިތަކަކަށް، އެތަންތަން ކުއްޔަށްދީގެން ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ކޯސްޓްގާޑުގެ ބަނދަރުގައި ދެން ހުރި ކަންތައްތައް ތަރައްގީކޮށް، ސިފައިން އަމިއްލައަށް އެ ބަނދަރުގެ މަސައްކަތް ކުރުމަށް. އޭރުވެސް ސިފައިންނަށް އެކި ދިމަދިމާލުން ހުށަހެޅުންތައް އާދޭ އިނގޭތޯ. ބޭރު ގައުމުތަކުން ވެސް ހުށަހެޅުންތައް ލިބޭ. އެހެންނަމަވެސް އެބޭފުޅުންނަކީ ހަތަރެސްފައި ބަނދެވިފައި ތިބި ނުވަތަ ކޮންޕްރަމައިޒް ވެފައި ތިބި ބައެއް ނޫން. އެހެންވީމަ ނޫނެކޭ ބުނާނެ ހިތްވަރު އެބޭފުޅުންގެ ގައިގައި އޭރު ހުރި.
– މުނާޒް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ޕްރޮޖެކްޓް އޭރުގެ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ވިޔަފާރިވެރިން، އެ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް އެބޭފުޅުންގެ އަމިއްލަ ޚަރަދުގައި ހިއްކައިދޭން ވެސް ހުށަހެޅިކަން އެގޭކަމަށާއި، އަދި ޒުވާނުންގެ ތެރެއިން އެކި ފަންތީގެ ބޭފުޅުން ސިފައިންނަށް އަމިއްލައަށް ޕްރޯޗްކޮށް، ތިމަންނަމެން މިތިބީ އެވެނި މިވެނި މަސައްކަތެއް ހިލޭސާބަހަށް ކޮށްދޭންށޭ ވިދާޅުވެ އެބޭފުޅުންގެ ހުށަހެޅުންތައް ވެސް ލިބެމުން ދިޔަ ކަމަށެވެ.
ކަން މިހެން އޮއްވާ ދިވެހި ރައްޔިތުންނަށް ސިއްރުން، ރައްޔިތުންގެ މަޖިލީހަށް ސިއްރުން ދިވެހި ސިފައިންގެ ނަމުގައި ބޭރު ގައުމަކާއެކު ގާނޫނު އަސާސީއާ ޚިލާފަށް މިއަދުގެ ސަރުކާރުން އެއްބަސްވުމެއް ހައްދަވައިގެން އުޅުއްވުމަކުން އެ އެއްބަސްވުމަށް ގާނޫނީ ބާރު ލިބޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް މުނާޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ