އުތުރުތިލަފަޅު އެއްބަސްވުމަކީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް: ކާނަލް ފަޔާޒް

އުތުރުތިލަފަޅު އެއްބަސްވުމަކީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް: ކާނަލް ފަޔާޒް

Author
މުޙައްމަދު ޝަޒައިމް
03 މެއި 2021 02:29
0

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.

އަޙްމަދު ފަޔާޒް ޢަލީ ރިޟާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން އުތުރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީގެ ދިވެހި ތަރުޖަމާ ނެރުމަށް ޑީއެންއޭގެ ފަރާތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޔާޒް ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް ބޭރު ގައުމަކަށް ދިނުމުގެ ވިސްނުމެއް އެމްޑީޕީ ނޫން އެހެން އެއްވެސް ސަރުކާރަކުން ގެންގުޅެފައިނުވާ ކަމަށެވެ.

އޭނާ ކުރީގެ ސަރުކާރުގައި ސިފައިންގެ އިސްވެރިންނާއެކު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި އުތުރުތިލަފަޅާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ހަމައެކަނި އެ ޕްރޮޖެކްޓަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށް ކަމަށެވެ.

އަޅުގަނޑުމެން އިންޑިއާގެ އަސްކަރިއްޔާގެ ހުރިހާ ސީނިއަރ ބޭފުޅުންނާ ބައްދަލުކުރިން. ޑިފެންސް މިނިސްޓަރު، އާމީ ޗީފް، ނޭވީ ޗީފް އަދި ޖޮއިން ޗީފް އާ ވެސް ބައްދަލު ކުރިން. އެކަމަކު އެއިން އެއްވެސް މަރުހަލާއެއްގައި އަޅުގަނޑުމެން ނުދައްކަން ތިބޭފުޅުން މިތަނަށް އައިސް ބަނޑަހަގެޖަހައިގެން މިކަން ކުރާށޭ. އަޅުގަނޑުމެން އެދުނުހާ ވެސް ކަމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް އެބައޮތޭ. މުއައްސަސާގެ ކުރިއެރުމާ ތަރައްގީއަށް އަޅުގަނޑުމެން ބޭނުންވަނީ މި ޕްރޮޖެކްޓް ރާވާ ހިންގާށޭ. ތިބޭފުޅުންނަށް މިކަމުގައި ކޮށްދެވެން އޮތް އެހީތެރިކަމެއް އަޅުގަނޑުމެންނަށް ބޭނުންވެއޭ. ބައްދަލުވުމުގެ މިނެޓްސްތަކާ އެއްޗިހި އެހެރީ ފެންނަން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ނީންނާނެ އިންޑިއާއާ ހަވާލުކޮށްގެން އެކަން ކުރަން ބުނެފައެއް.

– ފަޔާޒް ވިދާޅުވިއެވެ.

އުތުރުތިލަފަޅަކީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތަށް އޮތް ނުރައްކާތެރިކަމެއްކަން ރޭ ނެރުނު ފޮތުން ވެސް އެނގިގެންދާނެ ކަމަށް ފާޔާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި އުތުރުތިލަފަޅަކީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތަށް ވެސް އޮތް ނުރައްކާތެރި ކަމެއް. ކުރިމަގުގައި ގައުމިއްޔަތަށް ނުރައްކާތެރިކަން އަންނާނެ. ޚާއްސަކޮށް މި ފޮތް ނެރުނީމަ، ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ގިނަ ކަންތައްތައް ހާމަވެގެންދާނެ.

– ފަޔާޒް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން އޭނާ ހާމަކޮށްފައިވާ ކަންތައްތައް އެމްއެންޑީއެފްގެ އިސްވެރިން ދޮގުކުރާ ކަމުގައިވާނަމަ، އަސްލު އެއްބަސްވުން ދިވެހި ރައްޔިތުންނަށް ދެއްކުމަށް ވެސް ފަޔާޒް ވަނީ ގޮވާލައްވާފައެވެ. މީގެ ސަސަބުން ރާއްޖޭގެ އިގްތިޞާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެ އެއްބަސްވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ނުރަނގަޅު އަސަރު ކުރާނެ ކަމުގައި ވެސް ފަޔާޒް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.