ލާއިންސާނީ އަމަލުތަކަށް ޖާގަދޭ ވެރިންގެ މައްސަލަ ބައިނަލް އަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅަންޖެހޭ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދަ ޓުވީޓެއް ކުރައްވާފައިވަނީ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހު ޒުވާނުން އިސްނަގައިގެން ކުރި މުޒާހަރާއެއްގައި ފުލުުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެކި ވަރުގެ އަނިޔާ ކުރި މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޞުލްހަ ވެރިކަމާއިއެކު ހިންގޭ މުޒާހަރާކަތާއި އެއްވުންތަކުގައި ލާއިންސާނީ އަމަލު ހިންގައި އަދި އެފަދަ ކަންކަން ކުރުމަށް ހިތްވަރުދޭ ވެރިންގެ މައްސަލަތައް ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ސިސްޓަމްގެ ތެރެއިން ނުބެލޭނަމަ އެފަދަ މީހުންގެ މައްސަލަ ބައިނަލް އަޤުވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިގެން މައްސަލަ ބަލަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޞުލްޙަވެރި މުޡާހަރާތައް ރޫޅާލުމުގައި، ސިސްޓެމަޓިކް ކޮށް ހިންގޭ ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކާއި، އެ ފަރާރްތަކަށް އަމުރުވެރިވާ ފަރާތްތަކުގެ މައްސަލަ ޤައުމުގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ނުބެލިއްޖެނަމަ، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ހުށަހަޅަންޖެހޭ!
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޒުވާނުން ކުރި މުޒާހަރާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ ވެރިންނަށާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވަނީ އަމާޒު ވެފައެވެ. ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން ދުރުކޮށްފައެވެ.
އަދި މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.
މިމައްސަލަ ހިއުމަންރައިޓް ކޮމިޝަނުންނާއި، ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ