ވަގުތު ފާއިތު ނުވަނީސް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މައުމޫން ގޮވާލައްވައިފި

ވަގުތު ފާއިތު ނުވަނީސް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މައުމޫން ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
03 މެއި 2021 09:45
0

ވަގުތު ފާއިތު ނުވަނީސް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މައުމޫން ގޮވާލައްވައިފިއެވެ.

ރާއްޖެއިން ކޯވިޑަށް އިއްޔެ ރެކޯޑް އަދަދަށް މީހުން ޕޮޒިޓިވް ވުމާއިގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލީގެ ނުރައްކާ ކުޑަ ކުރުމަކީ މިހާރު ކުރަން ކޮންމެހެންވެސް ޖެހިފައިވާ ކަމެއްކަމަށެވެ. އަތޮޅު ތެރޭގައި އެއްރަށުން އަނެއްރަށަށް ދަތުރު ނުކުރެވޭނެހެން އަޅާފައިވާ ފިޔަވަޅާއި އެއްގޮތަށް މާލެ ސަރަހައްދުގައިވެސް ހަރުކަށި ފިޔަވަޅުތައް އަޅަން އަވަސް ކުރަންޖެހޭ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ރަށްރަށަށް ދަތުރު ކުރުން މަނާ ކުރުން އެއީ ކޯވިޑް ކޮންޓްރޯލު ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް. މާލޭގައި ވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ. ނޫނީ މާ ލަސްވެދާނެ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖެއިން އިންޔެ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 500 އިން މައްޗަށް އަރާފައެވެ. ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު ވަނީ 5،500 އަށްވުރެއް މައްޗަށް އަރާފައެވެ. އަދި ހޮސްޕިޓަލުގައި ދަނީ 172 މީހަކަށް ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫންގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓަލުމަށް އަންގާފައެވެ. ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން މިގޮތަށް އަންގާފައިވަނީ އަތޮޅުތަކުގެ ރަށްތަކުގައި ކޯވިޑް19 ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރާއްވާ ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ޒަރޫރީ ބޭނުމުގައިނޫން ގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާކަމަަށެވެ. މީގެ ތެރޭގައި މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި ނުހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.