ދައުލަތުގެ ފަރާތުން ގެއްލުންގެ ބަދަލު ނަގައި ދިނުމަށް މިހާރުވެސް 50 ދައުވާއެއް އުފުލި ކުރިއަށްދާ ކަމުގައި ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް ކައުންސިލްގައި ހިމެނި ވަޑައި ގަންނަވާ އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ދައުލަތުން ބަދަލު ހޯދުމަށް މިހާރުވެސް 50 މައްސަލައެއްގެ ކުރިއަށް ދާކަމަށެވެ. އޭގެ ތެރެއިން މިސަރުކާރު އައިފަހުން ބަދަލު ނަގައި ދިނުމަށް އެދުނީ ކިތައް މައްސަލަތޯ އަދި އަނި ނިމިދިޔަ ސަރުކާރުގެ ކިތައް މައްސަލަތޯ ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ބަދަލު ދިނުމާއި ގުޅޭގޮތުން މިރޭގެ ޕްރެސްގައި ކުރެވުނު ގިނަ ސުވާލުތަކަށް ޖަވާބު ދެއްވޭއިރު ގިނަ ސުވާލުތަކަށް އަހުމަދު ވިދާޅުވެފައިވަނީ ގިނަ މައުލޫމާތުތައް އަތްޕުޅުގައި މިވަގުތު ނެތްކަމަށެވެ. އެގޮތުން މިހާތަނަށް ދައުލަތުން ބަދަލުގެ ގޮތުގައި ދީފައިވަނީ ކިހާ މިންވަރެއްތޯއާއި، ކިހާ ފައިސާއެއް ދީފައިވޭތޯ ހާމަ ކުރައްވާފައިނުވެއެވެ. އަހުމަދު ވިދާޅުވީ މިހާތަނަށް 3 މައްސަލައެއްގައި ބަދަލުދީ ނިންމާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ބަދަލުގެ ގޮތުގައި200 ބިލިޔަަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
އަދި މިހާރު ކުރިއަށްދާ ގިނަ މައްސަކަތަކާއި ގުޅިގެން ސުވާލު ކުރެއްވުމުންވެސް އަހުމަދު ވިދާޅުވީ ވަކިވަކި މައްސަލަތަކުގެ ސީދާ ޖަވާބެއް ދެއްވަން ދަތިކަމަށެވެ. ދައުލަތުގެ ބަދަލުގެ ގޮތުގައި ގިނަ ފައިސާތަކެއް ދޭމައްސަލާގައި ގިނަ ބައެެއްގެ ފާޑުކިތުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ބަދަލު ދިނުމާއި ގުޅޭގޮތުން ޢަބްދުﷲ ޢަފީފް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޯޓުގެ ތިން މަރުހަލާ ނުނިމުނަސް ބަދަލު ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޯޓަށް ވެސް ނުގޮސް ގެއްލުމުގެ ބަދަލު ދިނުން ކަމަށެވެ. އެގްރިމެންޓްތައް ސަރުކާރުން ބާތިލް ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމުގައި ވާނަމަ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދައުލަތް ދިފާއު ކުރުމުގެ ބަދަލުގައި ސަރުކާރުން މިހާރު ކޯޓުގައި އިއުތިރާފުވެ އެއްބަސްވެވޭ ގޮތައް ބަދަލު ދެމުން އަންނަ ކަމަށް އަޙްމަދު އަބްދުﷲ އަފީފް ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމަށް އައީ އަދުލު ދިންސާފު ޤާއިމްކޮށް ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައި ދޭންކަމަށާއި، އެހައްގުތައް ހޯދައި ދިނުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމަށް އަހުމަދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ