ރޭގެ މުޒާހަރާއާއި ގުޅިގެން މީކާއިލްގެ ފަސް ސުވާލެއް މިނިސްޓަރ އިމްރާނަށް

ރޭގެ މުޒާހަރާއާއި ގުޅިގެން މީކާއިލްގެ ފަސް ސުވާލެއް މިނިސްޓަރ އިމްރާނަށް

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 09:44
0

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމާއި، ޖިންސީ ގޯނާއާއި ދެކޮޅަށް ރޭ ކުރި މުޒާހަރާގައި ފުލުުހުން އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހޯމް މިނިސްޓަރ އިމްރާނަށް 5 ސުވާލެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ރޭގެ މުޒާހަރާއާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް މީކާއިލް ފޮނުވި ސިޓީގައި ބުނެފައިވަނީ މިނިސްޓަރގެ ކިބައިން މިކަންކަން ސާފުކުރުމަކީ ކޮންމެހެން ބޭނުންކަމަކަށް ވާތީ އެސުވާލުތަކުގެ ޖަވާބު ހޯދުމަށް އެދޭކަމަށެވެ.

މީކާއިލް ހުށަހެޅުއްވި 5 ސުވާލު:
1. މެއި 2021 ވަނަ (ހޮނިހިރު) ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ އަދި ފިޔަވަޅެއް އެޅިފައިވާނަމަ އެފިޔަވަޅަކީ ކޮބައިތޯ؟

2. މެއި 2021 ވަނަ (ހޮނިހިރު ) ދުވަހުގެ ރޭ ބޭއްވުނު މުޒާހަރާ ރޫޅާލަންދިޔަ ފުލުހުން ޔުނިފޯމް އަޅައިގެންތިބީ ފުލުހުންގެ ޤާނޫނުގެ ދަށުން، އެމީހުންގެ ސާރވިސް ނަމްބަރ ފެންނަ ގޮތަށްތޯ؟

3. މެއި 2021 ވަނަ (ހޮނިހިރު) ދުވަހުގެ ރޭ ބޭއްވުނު މުޒާހަރާ ރޫޅާލަން ހަރަކާތްތެރިވީ، އެކަމާއިގުޅޭ އެކަށީގެންވާ ޓްރެއިނިންގ ލިބިފައިތިބި ފުލުހުންތޯ؟

4. މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ؟

5. ކުށްތަކަށް ތުޙުމަތު ކުރެވިގެން، އެތުޙުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލަކުން ޢަމަލު ނުކުރަނީ ކީއްވެތޯ؟

ރޭގެ މުޒާހަރާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރ އިމްރާނާއި، ސީޕީ ހަމީދުވެސް ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

އަދި މިމައްސަައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ވަނީ ދުރުކޮށްފައިކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.