ފާއިތުވި ދެ އަހަރާ އަަޅައިބަލާއިރު މިއަހުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 2648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލައެވެ.
މިމުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކީން ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ. މިގޮތުން ފާއިތުވި ދެ އަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 10 މައްސަލަ ހުށަހަޅާފައިވެއެވެ.
ފާއިތުވި ދެ އަހަރާއި މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ މި މުއްދަތުގައި 646 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ވައްކަމުގެ މައްސަލަތައް މަދުކުރެވޭނީ ކޮންމެ ފަރުދަކުވެސް މަސައްކަތް ކޮށްގެންނެވެ. މިގޮތުން ނިދުމުގެ ކުރިން، ގޭގެ ދޮރުތައް ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ބަލައި ގޭގައި ގެންގުޅޭ މުހިންމު ތަކެތި، ފޯނު ލެޕްޓޮޕް ނުވަތަ ފައިސާފަދަ ތަކެތި ރައްކާތެރިގޮތަކަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ސައިކަލާއި ކާރުފަދަ ތަކެތިވެސް ތަޅުލުމުުގައި މިހާރަށްވުރެ ސަމާލުކަން ދެއްވާށެވެ.
މީގެ އިތުރުން ފާއިތުވި ދެ އަހަރާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް މަދުވެފައެވެ. މިގޮތުން ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި 129 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މަގުމަތީގެ އެކްސިޑެންޓް ތަކާއި ޓްރެފިކް އެހެނިހެން މައްސަލަތައް މަދުކުރުމަށް ސަމާލުކަން ދެއްވާށެވެ. ހާއްސަކޮށް ހަވީރުގެ ވަގުތުތަކުގައި މަގުމަތި ބާރުބޮޑުވެ ދުއްވާ އެއްޗެހި ގިނަވެގެންދާ ވަގުތުތަކުގައި ވީހާވެސް ބޮޑަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބެއްލެވުމަކީ އެދޭ ކަމެކެވެ. އަދި ކޮންމެހެން މުހިންމު ނޫންނަމަ އެ ވަގުތުތަކުގައި ނިކުމެ ނޫޅުމަކީ މިފަދަ ދުވަސްވަރެއްގައި އެންމެ ރައްކާތެރިގޮތް ކަމުގައި ހަނދާންކޮށްދެމެވެ. މަގުމަތީގައި އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށްވެސް މި ފުރުޞަތުގައި ހަނދާން ކޮށްދެމެވެ.
ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ. މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވެއެވެ.
އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު 415 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކޮންމެ ފަރުދަކުވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ފަރުދީ ޒިންމާ އަދާކުރެއްވުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ