ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކާއި ގާތަށް

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކާއި ގާތަށް

Author
ޔޫސުފް
01 މެއި 2021 08:38
0

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓަރ ސިޓީން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމާއި ފިޔަވަޅަކާއި ގާތަށް ޖެހިލައިފިއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ މައްޗަށް ސިޓީ ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޕްރިމިއާ ލީގުގައި މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާ ޗެމްޕިއަން ލިވަޕޫލް ވާދަކުރާ މެޗު ލިވަޕޫލް ކާމިޔާބުކޮށްފިނަމަ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަަށަވަރުވާނެއެވެ. މި މެޗުން ޔުނައިޓެޑު މޮޅުވެއްޖެ ނަމަ ސިޓީ ޖެހެނީ އިތުރަށް އިންތިޒާރުކުރާށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ޕެލަސްއިން ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މި ހާފުގައި ޕެލަސްގެ އެބެރެޗީ އެޒޭ އާއި ވިލްފްރިއެޑް ޒަހާ ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީން ލީޑު ނެގީ ދެވަނަ ހާފް ފަށައިގެން 12 ވަނަ މިނެޓުގައި އެޓީމު ޖެހި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ފެރާން ޓޮރޭސް ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި ލަނޑަށްފަހުވެސް ސިޓީއަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 34 މެޗުން ލިބުނު 80 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. މާދަމާ ރޭ ބަލިނުވެ ފަރުޖައްސާލައިގެން ޔުނައިޓެޑަށް ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ޔަގީން ވާނެއެވެ. ލީގުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 63 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.