ފުކުޝީމާ ނިއުކުލިއަރ ޕްލާންޓުން ބާކީވި އެތައް މިލިއަން ޓަނުގެ ރޭޑިއޯއެކްޓިވް ފެން ކަނޑަށް ދީޫކޮށްލުމަށް ޖަޕާނުން ވަނީ ނިންމާފަ

ނިއުކުލިއަރ ރިއެކްޓަރުން ބާކީވި ރޭޑިއޯއެކްޓިވެ ފެން ކަނޑަށް ދޫކޮށްލުމުގެ ޕްލޭނަށް އެމެރިކާގެ ތާޢީދު

ނިއުކުލިއަރ ރިއެކްޓަރުން ބާކީވި ރޭޑިއޯއެކްޓިވެ ފެން ކަނޑަށް ދޫކޮށްލުމުގެ ޕްލޭނަށް އެމެރިކާގެ ތާޢީދު

2011ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބިފައިވާ، މަޝްހޫރު ފުކުޝީމާ ނިއުކްލިއަރ ރިއެކްޓަރުން ބާކީވެފައިވާ، އެތައް މިލިއަން ޓަނެއްގެ، ޓްރީޓް ކުރެވިފައިވާ ރޭޑިއޯ އެކްޓިވް ފެން، ޕެސިފިކް ކަޑަށް ދޫކޮށްކުމަށް ޖަޕާން ސަރުކާރުން ނިންމާފައިވާ ނިންމުމާއި ސައުތު ކޮރެއާއިން ދެކޮޅު ހަދަމުން ދަނިކޮށް، މި ފެން ކަނޑަށް ދޫކޮށްލުމަށް ޖަޕާނުން ހަދާފައިވާ ޕްލޭނަށް އެމެރިކާއިންއިތުބާރު ކުރާ އެގައުމުގެ ތިމާވެއްޓާ ބެހޭ ޚާއްސަ މަންދޫބު ޖޯން ކެރީ ހާމަ ކުރައްވާއިފިއެވެ.

ދުނިޔެ ހޫނުވަމުން ދިއުމާ ދެކޮޅަށް ބައިނަލް އަގުވާމީގޮތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހޮނިހިރު ދުވަހު ކެރީވަނީ ސައުތު ކޮރެއާގެ ސޯލްއަށް ވަޑައިގެންފައެވެ. ކެރީގެ މި ދަތުރުފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، އެމެރިކާގެ ރައީސް ވާޗުއަލްކޮށް، ދުނިޔޭގެ ލީޑަރުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން، ޗައިނާގައި މަޑުކުރުމަށްވެސް ވަނީ ހަމަޖެހިަފއެވެ.

ފުކުޝީމާ ނިއުކުލިއަރ ޕްލާންޓުން ބާކީވެފައިވާ ފެން ކަނޑަށް ބޭރުކުރުމުގެ ޕްލޭނަށް އެމެރިކާއިން ތާއީދުކުރާކަން ކެރީ ހާމަ ކޮށްފައިވީ ނަމަވެސް، ސައުތު ކޮރެއާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ، ޖަޕާނުގެ މި ޕްލޭނާ ދެކޮޅަށް އެގައުމުން ކުރަމުންދާ އިހުތިޖާޖަށް އެމެރިކާގެ ތާޢީދު، ކެރީއާއެކު ބޭވުމަށް ހަމަޖެހިފައިވާ ރޭގަޑުގެ ފަރިއްކޮޅުގައި ލިބިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

ޖަޕާން ސަރުކާރުން، 1.25 މިލިއަން ޓަނުގެ ރޭޑިއޯ އެކްޓިވް ފެން، ކަނޑަށް ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ކުރިޔަށް 2 އަހަރު ދުވަހުގެ ތެރޭގައެވެ.

މިފެން ކަނޑަށް ދޫކޮށްލުމަށް ޖަޕާން ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުމުގެ ގޮތުން އުތުރު ކޮރެއާއިންވަނީ، އެގައުމުގައި ހުންނަވާ ޖަޕާންގެ ސަފީރު އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ. އަދި އެގައުމުގެ ރައީސް މޫން ޖައި-އިން ވަނީ ޕެޓިޝަނެއް ތައްޔާރުކޮށް، މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ހުށަހެޅުމަށްވެސް އެގައުމުގެ އޮފިޝަލުންނަށް އަމުރު ކުރައްވާފައެވެ.

އާދީއްތަ ދުވަހު، މީޑިއާތަކާއެކު ކެރީ ބޭއްވެވި ވަށްމޭޒު ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ޖަޕާނުން މިނިންމުން ނިންމާފައިވަނީ، ދެފުށް ފެންނަ ގޮތަށް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމުގައެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް، މިނިންމުމާ ގުޅޭ ކަންކަން އުސޫލުގެ ތެރެއިން ޖަޕާނުން ކުރިޔަށް ގެންދަވާނެ ކަމަށް ގަބޫލު ކުރައްވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެމެރިކާއިން ގަބޫލު ކުރާގޮތުގައި، ޖަޕާނުން ގެންދަނީ، ވަރަށް ފުރިހަމައަށް މިމައްސަލާގައި IAEAއާއި މަޝްވަރާ ކުރަމުން،" އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީއަށް އިޝާރާތް ކުރައްވަމުން ކެރީ ވިދާޅުވެފައި ވެއެވެ.

"IAEAއިން ވަނީ ވަރަށް ވަރުގަދައަށް މި ނިންމުމާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އުސޫލުތައް ކަޑައަޅާފައި، އަދި އަހަރެން ގަބޫލުކުރާ ގޮތުގައި، ޖަޕާނުންވަނީ، ހުރިހާ އޮޕްޝަނަކަށްވެސް ބަލާފައި އަދި މިނިންމުން ނިންމުމުގައި އެގައުމުން ވަނީ ވަރަށް ދެފުށް ފެންނަ ގޮތަށް މުޅި ޕްރޮސެސް ކުރިޔަށް ގެންގޮސްފައި."

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ވިދާޅުވެފައިވަނީ، ޖަޕާނުން މިނިންމުން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. "އެހެނިހެން ގައުމުތަކެކޭ އެއްގޮތަށް، އާންމު ސިއްޙަތަށް ގެލުން ނުވާނެކަން ޔަގީން ކުރުމަށްޓަކާ،" ކެރީ ވިދާޅުވެފައި ވެއެވެ.

ދުނިޔޭގެ އެތައް ގައުމަކުންނާއި، ޖަމިއްޔާއެއްގެ ދެކޮޅު ހެދުންތަކާ އަދި މުޒާހަރާތަކުގެ ސަބަބުން އަދި، ސަލާމަތީ އެތައް ސަބަބުތަކާ ހެދި، މި ރޭޑިއޯއެކްޓިވް ފެން ނައްތާލާނެ ގޮތަކާއިމެދު ގޮތެއް ނުނިންމި ލަސްވެގެން ދިއުމަށްފަހު، ޖަޕާން ސަރުކާރުން މިމައްސަލާގައި ނިންމުމަކާ ހަމައަށް އައިސްފައިވަނީ، ކެބިނެޓްގެ މިނިސްޓަރުންނަށް، މި ރޭޑިއޯއެކްޓިވް ފެން ނައްތާލުމަށް އެންމެ ރަގަޅު ގޮތަކީ މި ފެން ކަޑަށް ދޫކޮށްގެން ކަމުގައި ގަބޫލު ކުރެވިގެންނެވެ.

2011ވަނަ އަހަރު ޖަޕާނުގެ ފުކުޝީމާ ސަރަހައްދަށް އައި ވަރުގަދަ ބިންހެލުމަށްފަހު އެސަރަހައްދަށް އެރި ސުނާމީގެ ސަބަބުން މި ސަރަހައްދުގެ ނިއުކުލިއަރ ޕްލާންޓަށް ގެއްލުން ލިބި، ރިއެކްޓަރ ފިނިކުރަން ބޭނުން ކުރަމުން އައި ފެނުގެ ތެރެއަށް ރޭޑިއޯއެކްޓިވް މާއްދާތަކުގެ އަސަރުކޮށް، ވިހަފެން ރިއެކްޓަރުން ލީކްވާން ފެށިއެވެ. އަދި އެއަށްފަހު، ރޭޑިއޯއެކްޓިވް ވިހައިގެ އަސަރު ކޮށްފައިވާ މިފެން ވަނީ މި ރިއެކްޓަރުގެ ޓޭންތަކުގައި ޖަމާކުރެވިފައެވެ.

މި ޕްލާންޓް ބަލަހައްޓަމުން ގެންދާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކޯޕަރޭޝަންއިން ބުނެފައިވަނީ، މި ޕްލާންޓުގައި ހުރި ފެން ރައްކާކުރުމުގެ ކެޕޭސިޓީ އަންނަ އަހަރު ފުލް ވެގެން ދާނެކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ ވިދާޅުވެފައިވަނީ، އެންމެ ރަގަޅު ގޮތަކީ، މިފެން ކަނޑަށް ދޫކުރުން ކަމުގައެވެ. އަދި ވިދާޅުވީ، ފުކިޝީމާ ނިއުކުލިއަރ ޕްލާންޓް ރޫޅާލުމަށް ހަމަޖެހިފައިވާތީ، ޖަޕާން ސަރުކާރުގެ މި ނިންމުމަކީ އިތިރު ބަދަލެއް ގެނެވޭނެ ނިންމުމެއް ނޫންކަމުގައެވެ.

މި ފެން ކަނޑަށް ދޫކޮށް ނިންމުމަށް އެތައް އަހަރެއް ހޭދަވެގެން ދާނެއެވެ.

މި ޕްލާންޓް ބަލަހައްޓަމުން ގެންދާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކޯޕަރޭޝަން (TEPCO) އާއި ޖަޕާން ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައިވަނީ، މި ރޭޑިއޯއެކްޓިވެ ފެނުގައިވާ ޓްރިޓިއަމް ނަމަކަށް ކިޔާ މާއްދާއެއް މި ވިހަ ފެނުގެ ތެރެއިން ވަކި ކުރެވިގެން ނުދާނެ ކަމަށެވެ. އަދި އޮފިޝަލުން ވިދާޅުވެފައިވަނީ، މި މާއްދާއަކީ، ކުޑަ މިންވަރަކުން ދިރޭ ތަކެއްޗަށް ގެއްލުން ދޭ މާއްދާއެއް ނޫންކަމުގައެވެ. އަދި މިފެނުގައިވާ، ދިރުން ހުރި ތަކެއްޗަށް ގެއްލުންދޭ އެހެނިހެން ރޭޑިއޯނިއުކްލައިޑްސްތައް، ކަނޑަށް ދޫކުރުމަށް ރައްކާތެރި މިންވަރަށް ދަށް ކުރެވިގެން ދާނެކަމަށެވެ.

ބައެއް ސައިންސްވެރިން ވިދާޅުވެފައިވަނީ، ނިއުކުލިއަރ މާއްދާތަކުގެ ބާރު ދަށް ކުރެވިފައިވާ، އެހެންނަމަވެސް، މިހާ ގިނަ އަދަދެއްގެ ފެނުން ދިރޭ ތަކެއްޗަށް ދިގު މުއްދަތެއްގައި ކޮށްފާނެ އަސަރުތައް މިހާތަނަށް ދެނެގަނެވިފައި ނުވާކަމުގައެވެ.

TEPCO އިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ގާއިމް ކޮށްފައިވާ، 1.37 މިލިއަން ޓަނުގެ ފެން ރައްކާކުރުމުގެ ކެޕޭސިޓީ، 2022 ވަނަ އަހަރު ފެށިގެން ދާއިރު މުޅިން ފުރިގެންދާނެ ކަމަށެވެ.

އަދި ފެން ރައްކާކުރާ ޓޭންކްތަކުން ފުރިފައިވާ މިސަރަހައްދު އެއް އެއްކޮށް ސާފުކޮށް، މިސަރަހައްދު އަލުން އާރާސްތުކުރުމަށްވެސް ޖަޕާން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން، ވިރިގެން ގޮސްފައިވާ މައުދަނުގެ ބައިތައް ރިއެކްޓަރ ހިންގި ސަރަހައްދުން ބޭރުކޮށް ތަން ސާފުކުރުމަޓަކާވެސް، މި ސަރަހައްދުގައި ހުރި ޓޭންކުތައް ނަގާ، ރިއެކްޓަރ އެއްކޮށް ރޫޅާލަންޖެހޭ ކަމަށްވެސް ޖަޕާނު ސަރުކާރުންވަނީ ބުނެފައެވެ. ކުރިޔަށް އޮތް އަހަރުތަކުގައި، މިސަރަހައްދުގައި ހުރި، ވިރިގެން ގޮސްފައިވާ މައުދަނުގެ ބާވަތްތައް ބޭރުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާންސަރުކާރުގެ މި ނިންމުމާއި ގުޅިގެން، އަވައްޓެރި ސައުތު ކޮރެއާ އަދި ޗައިނާއިން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އަދި ޗައިނާއިން ބުނެފައި ވަނީ، ޖަޕާން ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެގައުމަށް އަޅާނެ ފިޔަވަޅުތަކެއް ވަރަށް އަވަހަށް ނިންމާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *