ޖަރުމަނު ލީގުގައި ވުލްފްސްބާގް ދަނޑުގައި އެ ޓީމު އަތުން 3-2 އިން މޮޅުވެ ބަޔާން މިއުނިކުން ޖަރުމަނު ލީގު ހޯދުމާ ގާތަށް ޖެހިލިފިއެވެ.
މި ފަހަރު ވާދަކުރަމުން އަންނަ ލައިޕްޒިގު ވަނީ ހުކުރު ދުވަހުގެރޭ ހޮފެންހައިމާ 0-0 އިން އެއްވަރުވެފަ އެވެ. އެ ނަތީޖާއާ އެކު ލައިޕްޒިގަށް ލީގުގެ ރޭހުގައި މައްސަލަތައް ކުރިމަތިވެ، ބަޔާނަށް ލީގުގެ ކުރީގައި ލީޑު ނެގުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ވުލްފްސްބާގް ކޮޅަށް ބަޔާންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ދާދި ފަހުން އިންގްލެންޑް ދޫކޮށް ޖަރުމަނު ގައުމީ ޓީމަށް ކުޅެން ނިންމި 18 އަހަރުގެ ޖަމާލް މުސިއާލާ އެވެ.
ބަޔާންގެ އަނެއް ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރު ހުރުމުން މި ވަގުތު ބަޔާންގެ އެޓޭކް ލީޑުކުރަމުން އަންނަ ފޯވާޑް އެރިކް މެކްސިމް ޗޮޕޫ މޯޓިން އެވެ. ވުލްފްސްބާގްގެ ދެ ގޯލު ޖެހީ ވޫޓް ވޭގްހޯސްޓާއި މެކްސިމިލިއަން ފިލިޕް އެވެ. ވުލްފްސްބާގް ބަލިކޮށް ލީގުގެ ބާކީ ފަސް މެޗަށް ދާއިރު، ބަޔާނުން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ.
ބަޔާނަށް 29 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގުގެ އޮތީ 29 މެޗުން 61 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ