ތ.ވޭމަންޑޫ ކޯވިޑް ކްލަސްޓަރއިން މިހާތަނަށް 53މީހުން ޕޮޒިޓިވްވެއްޖެއެވެ. ތ.އަތޮޅާއި ދ.އަތޮޅު ހިމެނޭހެން ކޯވިޑް-19ގެ ގިނަ ކޭސްތަކެއް ފެނިފައިވެއެވެ. މި ކްލަސްޓަރއާ ގުޅުންހުރި ކޭސްތަކެއްފެނި ތ.ވޭމަންޑޫ މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ މިމަހުގެ 9ވަނަ ދުވަހުއެވެ. މި ކްލަސްޓަރއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުންނަކީވެސް ވޭމަންޑޫ މީހުންނެވެ.
ތ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ތ.ވޭމަންޑޫ ކޯވިޑް ކްލަސްޓަރގައި މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 48 މީހުންނަކީ ވޭމަންޑޫ މީހުންކަމަށެވެ. ވޭތުވެދިޔަ 24ގަޑިއިރު މި ކްލަސްޓަރއިންވަނީ އިތުރު 10މީހުން ޕޮޒިޓިވްވެފައެވެ.
ވޭމަންޑޫ ކޯވިޑް ކްލަސްޓަރއާ ގުޅިގެން 338 ސާމްޕަލް މިހާތަނަށް ނަގާފައިވެއެވެ. މީގެތެރެއިން 53ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، 134ސާޕްލްވަނީ ނެގެޓިވްވެފައެވެ. 155ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށް ތ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް އިތުރަށް ސާމްޕަލްނަގާ ޓެސްޓުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. ކޭސްތަކާ ގުޅިގެން ރަށުގެ 104ގެއެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ