ޖޫން މަހު މީރާއަށް 2.9 ބިލިއަން ރުފިޔާ ބަލައިގެންފި

ޖޫން މަހު މީރާއަށް 2.9 ބިލިއަން ރުފިޔާ ބަލައިގެންފި

Author
އަހުމަދު
10 ޖުލައި 2026 11:43
0

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ޖޫން މަހު 2.92 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން ބުނި ގޮތުގައި، މިއީ ޖޫން މަހަށް އަންދާޒާ ކުރި އަދަދަށްވުރެ 14.7 އިންސައްތަ އިތުރު އަދި މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ. ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އަންދާޒާ ކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި މީރާއިން ފާހަގަކުރީ ޖީ.އެސް.ޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް، އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާ ކުރި މިންވަރަށްވުރެ 1.7 އިންސައްތަ އިތުރުވުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ (ސީ.އެސް.އާރު)، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެއެވެ.

ޖޫން 2025 އާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ޖީ.އެސް.ޓީ، ބޭންކް އިންކަމް ޓެކްސް، އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުން މީރާއިން ފާހަގަކުރެއެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައި ވަނީ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކާފައިވުމާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ފައިސާ ދައްކާ ނިންމާފައިވުމުންނެވެ.

ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޖޫން މަހު މީރާއިން 465 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 286 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިއަން ރުފިޔާ، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 72 މިލިއަން ރުފިޔާ، ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 26 މިލިއަން ރުފިޔާ، އެކްޝަން ޕޮލިސީގެ ތެރެއިން 0.5 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން 0.7 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެ ސަބަބުން، ޖޫން މަހު ބަލައިގަނެފައިވާ ޖުމުލަ އާމްދަނީގެ 14.3 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާ ކަމަށާއި، 23.4 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާ ކަމަށް މީރާއިން ބުނެއެވެ.

ޖޫން މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ދީފައި ވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. އެއީ 37.2 އިންސައްތަ ނުވަތަ 1.08 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުން ކަމަށްވާއިރު، އެއީ 27.4 އިންސައްތަ ނުވަތަ 799 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ (14.1 އިންސައްތަ)، ގްރީން ޓެކުހުގެ ގޮތުގައި 157 މިލިއަން ރުފިޔާ (5.4 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިއަން ރުފިޔާ (4.6 އިންސައްތަ)، އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (4.6 އިންސައްތަ) ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.