ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ 2ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 35،000 އިން މައްޗަށް އަރައިފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 763 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ދިފާޢު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ 763 މީހުންނެވެ. މިއެންމެންނަކީވެސް އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 35،294 އަށް އަރާފައެވެ.
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 547 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 278،069 އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 4 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 240 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދެން ފަށާފައެވެ.
ރަމަޟާންމަހު ވެކްސިން ޖަހައިދިނުން ކުރިއަށްގެންދަނީ ރޭގަނޑުއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ ޢަދަދު އިތުރުވެ އެޗްޕީއޭއިން ވަނީ ވެކްސިން ޖަހައިދޭ ވަގުތުވެސް އިތުރުކޮށްފައެވެ. އެގޮތުން މިހާރު ވެކްސިން ޖަހައިދެމުން އަންނަނީ ރޭގަނޑު 21:00 އިން23:45އަށެވެ. އެޗްޕީއޭއިން މިހާރު ވަނީ އެރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތް މިމަހުގެ 20 ފެށިގެން ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ