ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އަތޮޅު ތެރޭގެ ރަށެއްގައި ފިޔާތޮށި ކުލަލާފައިވާ ރުކެއް އެމްޑީޕީގެ ސަޕޯޓަރުން ކަނޑާލިމަންޒަރު ފެންނަ ވޯޑިއޯއިން ޕާޓީތަކަށް މީހުންގެ ވިސްނުން އަޅުވެތިވެފައިވާ މިންވަރު ހާމަވާކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުތަކެއް ލައިގެން، ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑަން ގިނަ ބަޔަކު އެއްވެފައިވާއިރު، އެ ވީޑީއޯގައި ރުށް ކަނޑަމުން ބައެއް ފަރާތްތަކުން “ﷲއަކްބަރު” ގޮވާ އަޑުވެސް އިވިގެން ދެއެވެ. އެ ވީޑީއޯ މީސްމީޑީއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމްޑީޕީއަށާއި އެކަން ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް މަލާމާތް ކޮށްފައެވެ.
މިކަމާއިގުޅިން އެމްޑީޕީން ކުރި ޓްވީޓަށް އަނާރާ ކުރެއްވި ކޮމެންޓުގައި ވިދާޅުވީ މިފަދަ ނާތަހުޒީބު އަމަލުތަކަކީ މުޖުތަމައު ބަލައި ގަންނަ އަމަލުތަކެއް ނޫންކަމަށެވެ. އަދިމިފަދަ އަމަލުތަކުން ދިވެހި ރައްޔިތުން ޕާޓީތަކަށް އަޅުވެތި ވެފައިވާ މިންވަރު ހާމަވާކަމަށެވެ. އަދި މިއީ ފަރުދީ ގޮތުން ހުރި ނާތަހުޒީބު ވިސްނުން ތަހުޒީބު ކުރުމަށް މަސައްކަތް ކުރަންޖެހޭކަން ހާމަވެގެންދާ ކަމެއްކަމަށް އަނާރާ ވިދާޅުވިއެވެ.
ޕާޓީތަކަށް މީހުންގެ ވިސްނުން އަޅުވެތި ވެފައިވާ މިންވަރު މިފަދަ ނާތަހުޒީބު އަމަލުތަކުން ހާމަވޭ، ފަރުދީ ވިސްނުން ތަހުޒީބުކުރަން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަންވަނީ ޖެހިފަ.
– އަނާރާ ވިދާޅުވިއެވެ.
Partythakah meehunge visnun alhuvethivefavaa minvaru mifadha naathahuzeebu amaluthakun haamavey, Farudhunge visnun thahuzeebukuran raajjeyga gina masakkaythakeh kuranvanee jehifa.
— Anara Naeem (@AnaraNaeem) April 16, 2021
މިކަމާއި ގުޅިގެން އެމްޑީީޕީން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ އެޕާޓީން އެއްގޮތަކަށްވެސް ހިތްވަރުދީ ސަޕޯޓް ކުރާނެ ކަންކަމެއް ނޫންކަމަށެވެ. އަދި އެޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކުވެސް މިފަދަ ނާތަހުޒީބީ އަމަލުތައް ނުހުންގެވުމަށް ވަނީ އެދިފައެވެ.
އަތޮޅުތެރޭގެ ރަށެއްގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ރުކެއް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ފިޔާތޮށި ކުލަލާފައިހުރި އެ ރުއް އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ ކަނޑާލާފައިވަނީ ކަރަންޓް ކީހެއް ބޭނުން ކޮށްގެންނެވެ. ރީދޫ ޓީސާޓާއި ރީދޫ ފޮތިތަކެއް ގައިގައި އޮޅައިގެން ތިބި ބަޔަކު ރުއް ކަނޑާލަން ނިކުތުމުން ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވަނީ ރުކުގައި ބައްދައިގަނެ ރުއް ކެނޑުމަށް ހުރަސް އަޅާފައެވެ. ނަމަވެސް އެމީހާ އެ ތަނުން ދުރުކޮށް ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓް ކީހުން ވަނީ ރުއް ބިމާ ހަމަކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ