ރަމަޞާން މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނު އާއިލާއިން އެދުނު ނަމަވެސް ގެއަށް ބަދަލުނުކޮށް އެމަނިކުފާނަށް ދެމުންދާ އަނިޔާތަކަކީ މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުންކަމަށް ނުވާނެކަމުގއި ނައިފަރު ދާއިރާގެ ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ރައީސް ޞާލިހުގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެކަމަށް ހެޔިގޮތެއް ވާނެކަމަށެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ކުރިމަތި ނުވާނެކަމަށެވެ. ނަމަވެސް މިހާތަނަށް ރައީސް ޔާމީނަށް ޖަލުބަންދުން އެއްވެސް ލުޔެއް ދެއްވާފައި ނުވެއެވެ.
ޝިޔާމް ވިދާޅުވީ މިމާތް ބަރަކާތްތެރި މައްސަރުގައިވެސް ސަރުކާރުން ރައީސް ޔާމީނަށް ވަމުންދަނީ އަނިޔާކަމަށެވެ. އެމަނިކުފާނަށް ދެމުދާ އަނިޔާތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނެ ކަމެއްނޫންކަމަށާއި، ރައްޔިތުންގެ ތާއީދުވެސް ލިބޭނެ ކަމެއްނޫންކަމަށެވެ. މިމާތް މައްސަރުގައި އިހުސާންތެރިވެ އަނިޔާވެރިނުވުމަށް ޝިޔާމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ރައީސް ޔާމީންއަށް އަނިޔާ ކުރީމާ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ޤަބޫލު ކުރެއްވެނީތޯ؟ މިއީ މާތްވެގެންވާ މައްސަރެއް. އިންސާނިއްޔަތުކަން ކުރިއަށް ނެރުއްވާ.
– ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މެޑަމް ފާތުންގެ ސިޓީއެއް ލިބިފައި އެބައޮތް އަޅުގަނޑަށް. އަދި ހަތަރު ވަރަކަށް ދުވަސްކުރިން އަޅުގަނޑަށް ޕީޕީއެމް ލިޑަޝިޕްގެ ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިން. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުން. ކަމާ ބެހޭ ފަރާތްތަކާ އަޅުގަނޑު ވާހަކަ ދައްކަމުން މިދަނީ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނުވާނެ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ރަމަޞާން މަހު ގެއަށް ބަދަލު ނުކޮށްފިނަމަ މާލޭގައި މާދަމާ މުޒާހަރާ ކުރަން ފަށާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ނިމިގެންމިޔަ ވޯޓުން ރައްޔިތުން ބުނެދިން އެންމެ ބޮޑު ހަގީގަތަކީ ރައީސް ޔާމީން އަދިވެސް ދިވެހި ރައްޔިތުންނަށްބޭނުންވާ ކަމަށާއި، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ