ޕީޕީއެމްއަކީ އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އެންނަށް ފުރުސަތު އޮތް ޕާޓީ: އާދަމް ޝަރީފް

ޕީޕީއެމްއަކީ އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އެންނަށް ފުރުސަތު އޮތް ޕާޓީ: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2021 06:13
0

އިދިކޮޅު ޕީޕީއެމްއަކީ އެތެރޭގެ ޑިމޮކްރަސީވެސް އެންމެ ހަރުދަނާ، އެންމެނަށްވެސް ފުރުސަތުތައް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ ޕާޓީކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބަށްފަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުގެ ވާދަވެރިކަން ޕީޕީއެމްގެ އިންތިޚާބީ ތިން ކެނޑިޑޭޓެއްގެ މެދުގައި ވާދަވެރިކަން ބޮޑުވުމާއި ގުޅިގެން ޚަބަރު އޮންލައިނުން ގެނެސްދިން ޚަބަރަކަށް އިޝާރާތް ކުރައްވައެވެ. އާދަމް ޝަރީފް ވިދާޅުވީ އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އަދި ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު އޮތް ހަމައެކަނި ޕާޓީއަކީ ޕީީޕީއެމްކަމަށެވެ. މިއަދު މިސަބަބުތަކަށްޓަކައި ޕީޕީއެމްގެ ތާއީދު އިތުރަށް ބޮޑުވެ ގިނަ ބަޔަކު ޕާޓީއާއި ގުޅެމުންދާކަމަށެވެ.

ޕީޕީއެމްއަކީ އެތެރޭގެ ޑިމޮކްރަސީވެސް އެންމެ ހަރުދަނާ، އެންމެނަށްވެސް ފުރުސަތުތައް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ، އެންމެ ޑިމޮކްރަޓިކް ޕާޓީ. ޕާޓީގެ ހިންގުން ހަރުދަނާވެ، އާންމުންގެ ތާއީދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްއިން މާލެ ސިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފައިވާއިރު، ތިން އިންތިޚާބީ ކައުންސިލަރެއްގެ މެދުގައި ވަނީ ޑެޕިއުޓީ މޭޔަރުކަމުގެ ވާދަވެރިކަން އިތުރުވެފައެވެ. އެއީ ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރެއްވި ނަހުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ނާސިރު (އައްލޮ)ގެ އިތުރުން ހުޅުމާލޭގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިންރާހީމް ޝުޖާޢުގެ މެދުގައެވެ.

ޑެޕިއުޓީ މޭޔަރުގެ މަޤާމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ފުރަތަމަ އިޞްލާހު ހުށައެޅިއިރު ޑެޕިއުޓީ މޭޔަރުގެ މަޤާމުވެސް އޮތީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާގޮތަށެވެ. ނަމަވެސް ފަހުން އެގޮތް ބަދަލުކޮށް މިހާރުވެސް ޑެޕިއުޓީ މޭޔަރު އައްޔަންކުރާ ގޮތަށް ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުން ޑެޕިއުޓީ މޭޔަރަކު އައްޔަންކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާއިރު، ރައްޔިތުން އެދޭފަދަ ބަދަލެއް މާލެއަށް ގެނެސްދޭނެކަމަށް އިންތިޚާބު ކާމިޔާބުކުރެއްވި އިންތިޚާބީ ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.