އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ފުއްދާދެވިއްޖެކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި އެކު އެކި ގޮތްގޮތަށް ކުރެވޭ ކަންކަމުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށެވެ. މިގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ބަޔަަކަށް، މިއަދު އެ އަގަށް 180 ޖީބީ ލިބޭކަމަށްވެސް ވިދާޅުވިއެވެ.
އިންޓަނެޓްގެ ޚިދުމަތަކީ ސީދާ ސަރުކާރުން ދޭ ޚިދުމަތަކަށް ނުވާއިރު، މި ޚިދުމަތުގެ އަގު ކޮންޓްރޯލްކޮށް ކުޑަކުރުމަށް އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރަމުންދަނީ އިންޓަނެޓްގެ އަގާއި އަދި އިންޓަނެޓުން އިތުރު މަންފާތަކާއި ނަފާތަކެއް ލިބޭނީ ކޮން ގޮތަކަށްތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށާއި މި މަސައްކަތް އެއްވެސްއިރަކު ހުއްޓާނުލާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.
މި ރަމަޟާން މަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް ހުރި އެއްޗެއް ފަސް ރުފިޔާ ބަަޔަށް ލިބޭ ވާހަަކަ މި ދަންނަވަނީ، އަޅުގަނޑުމެން މި ދަންނަވަނީ "މޯބައިލް ޑޭޓާ" ވާހަކަ، 1000 ރުފިޔާއަށް 30 ލިބެމުންދިޔަ ބަޔަަކަށް، އަޅުގަނޑުމެންނަށް މިއަދު އެބަ ލިބެޔޭ 180 ޖީބީ މާނައަކީ، ފަސް ރުފިޔާ ބަޔަށް ޖީބީއެކޭ. އިންޓަނެޓްގެ އަގާއި ގުޅޭގޮތުން މިއަދު އަޅުގަނޑު މިތާއިނދެ ދަންނަވާލަން ކެރޭ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ވަޢުދު ފުއްދާދެވިއްޖެ.
– އަލީ ޞާލިހު ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގު ހެޔި ނުވެގެން ކަމަށްބުނެ މިނިސްޓަރ މަލީހުވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ. މަލީހު މަޤާމުން ވަކިކުރާ އެތައް ދުވަހެއް ވެގެންދާއިރުވެސް އިންޓަރނެޓް އަގުހެޔޮނުވާތީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރާކަމަށާއި، ނަމަވެސް އަދި އެކަން ކުރެވިފައި ނުވާކަމަށެވެ.
ކޮމެންޓު ފޮނުވާ