ހުޅުމާލޭގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނީ ހުރިހާ ފިކުރެއްގެ ބޭފުޅުންގެ ބައިވެރިވުމާއިއެކު އެންމެން އެކީ އެއްބައިވަންތަކާއި އެކުގައިކަމަށް ހުޅުމާލޭގެ ފުރަތަމަ އިންތިޚާބީ ކައުންސިލަރު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދާއިރާއަށް ޝުޖާއާއި ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުން ރިޒުނާ ޒަރީރު އާއިއެކު މިއަދު ބޭއްވި ރޯދަ ވީއްލުމަށްފަހު ރިޒުވަނީ ހުޅުމާލޭގެ ތަރައްޤީއަށް ޝުޖާ ކުރައްވާ މަސައްކަތަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭ ބަދަލު ގެނެސް ދެއްވުމަށް ޝުޖާ ކުރައްވާ މަސައްކަތުގައި އެނާގެ ފަރާތުން ލިބެންޖެހޭ ކޮންމެ އެއްބާލުމެއްވެސް ދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ ރައްޔިތުން އެދޭ ބަދަލު ޝުޖާ ކައުންސިލް ކަމުގައި ހުންނަަވައިގެން ހޯދައިދެެއްވާނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ.
– ރިޒްނާ ވިދާޅުވިއެވެ.
ދެ ކެނޑިޑޭޓުންގެ ރޯދަ ވީއްލުމަށްފަހު ޝުޖާވިދާޅުވީ ރިޒުވާނީ ޑިމޮކްރަސީގެ ރީތި މިސާލު ދައްކަވާފައިކަމަށެވެ. އޭނާ ކެމްޕެއިން ތެރޭގައިވެސް ވިދާޅުވިފަދައިން ހުޅުމާލޭގެ މައްސަަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނީ ވަކި ފިކުރެއްގެ ވަކި ސިޔާސަތެއްގެ މީހަކާއި އެކުގައި ނޫންކަމަށާއި، އެންމެނާއި ގުޅިގެން އެއްބައިވަންތަކާއިއެކު ހުޅުމާލޭގެ ހުރި މައްސަލަތައް ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ޝުޖާ ވަނީ މިއަދުވެސް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ހުޅުމާލެއަކީ އެއްބައިވަންތަ އެކުވެރި ޝަހަރެއްގެ ގޮތުގައި ތާއަބަދު އޮންނާނީ ވެރިންގެ ފަރާތުން ނަމޫނާ ފެނިގެން ކަމަށެވެ. އަދި މިއަދު ރިޒްނާ ވަނީ އެނަމޫނާ ދައްކާފައިކަަމަށާއި، ހުޅުމާލޭގައި ހުރި މައްސަލަތައް އެންމެން ގުޅިގެން ހައްލު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ތިއީ ޑިމޮކްރަސީގެ ރިވެތި މިސާލެއް. އަޅުގަނޑު ހުޅުމާލޭގެ މައްސަލަ ތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރާނީ ހުރިހާ ފިކުރެއްގެ ރައްޔިތުންގެ ބައިވެރި ވުމާ އެކު. ހުޅުމާލެ އަކީ އެކުވެރި ރައްޔިތެއް ދިރިއުޅޭ ޝަހަރަކަށް ހެދޭނީ ވެރިން ނަމޫނާ ދައްކައިގެން. ޝުކުރިއްޔާ.
– ޝުޖާ ވިދާޅުވިއެވެ.
ތިއީ ޑިމޮކްރަސީގެ ރިވެތި މިސާލެއް.އަޅުގަނޑު ހުޅުމާލޭގެ މައްސަލަ ތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރާނީ ހުރިހާ ފިކުރެއްގެ ރައްޔިތުންގެ ބައިވެރި ވުމާ އެކު.ހުޅުމާލެ އަކީ އެކުވެރި ރައްޔިތެއް ދިރިއުޅޭ ޝަހަރަކަށް ހެދޭނީ ވެރިން ނަމޫނާ ދައްކައިގެން.ޝުކުރިއްޔާ @RiznaZareer https://t.co/zMDg0rJLbI
— Ibrahim Shujau ? (@shuja3831) April 15, 2021
ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ގޮޑު ޝުޖާ ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. އަދި އޭނާ ވަނީ އިންތިޚާބުގެ ނަތީޖާއާއިއެކު ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ހަވާލު ކުރި އަމަނާތް އޭގެ އެންމެ ހެޔޮ ގޮތުގައި އަދާކުރުން މަތީ ދެމި ހުންނާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ