ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައުތައް މިމަހުގެ 12 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަސްތެރޭ ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އަނގޮޅިތީމުގައި 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއްލައި، 91.44 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 42،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 615 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 166 މީޓަރުގެ ރިވެޓްމަންޓްޖަހާ، 1110 ސްކޮއަރ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބުލޮކްސް އެޅުމާއި، 12 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އަނގޮޅިތީމުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 44.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ