ހުކުރު ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާންކޮށް ނިންމަނީ

ހުކުރު ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާންކޮށް ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 09:49
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލަން އަމާޒު ހިފާފައި ވާކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް މިހާރުވެސް ކޮމިޝަނުން ކުރަމުންދާކަމަށެވެ. އަދި ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާތައް މިހާރުވެސް އިއުލާން ކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ހުކުރު ދުވަހުގެ ކުރިން ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށް ދާއިމީ ނަތީޖާ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިއުލާން ކުރުމަށް ކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. ހަބީބް ވިދާޅުވީ ވަގުތީ ނަތީޖާތަކަށްފަހު އިންތިޚާބާއި ގުޅިގެން އާންމު ފަރާތްތަކުންނާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވަ ހުރިހާ މައްސަލައެއް ބެލުމަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެކަމަށެވެ. އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. ކައުންސިލް އިންތިހާބުގައި 2،234 އަދި އަންހެނުންގެ ކޮމިޓީއަށް 1،580 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް ވޯޓުލާފައިވަނީ 182،995 މީހުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.