މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
09 ޖުލައި 2026 04:12
0

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގައި ކިޔެވުމުގެ ފުރުސަތު، ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުންނެވެ.

މި ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކުއާކަލްޗަރ، ފިޝަރީޒް މެނޭޖްމަންޓް، މެރިޓައިމް އެފެއާޒް، މެރިން ސައިންސް، އަދި އެކުއަޓިކް ހެލްތު ފަދަ ދާއިރާތަކުންނެވެ. ކޯސްތައް ފުރިހަމަކުރެވޭނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތަކުގެ އިތުރުން އޯއީސީޑީ ގައުމުތަކުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މާސްޓަރސް ޑިގްރީއަށް ކުރިމަތިލެވޭނީ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށް، 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ބަލާނީ އޯލެވެލް އަދި އޭލެވެލްގެ ނަތީޖާއަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީގެ އިތުރުން، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް އަދި މަހުން މަހަށް ދެވޭ ސްޓައިޕަންޑް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. ހޮވޭ ފަރާތްތަކުން ކޯސް ނިންމުމަށްފަހު މިނިސްޓްރީގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ޖުލައި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހ. ޕަލްމޭރާގައި ހުންނަ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.