ފެނަކައިން ވަކިވި މުއާޒަށް އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީކަން

ފެނަކައިން ވަކިވި މުއާޒަށް އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީކަން

Author
އަހުމަދު
09 ޖުލައި 2026 09:18
0

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

މުއާޒް އެ މަގާމަށް ގެންނެވުމަށް އެމްޑަބްލިއުއެސްސީގެ ބޯޑުން ރުހުން ދީފައިވަނީ ދާދިފަހުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށިއިރު ފެނަކައިގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި މުއާޒް، އެ މަގާމުން ދުރުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ފެނަކައިން ވަކިވެވަޑައިގަންނަވަމުން ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި މުއާޒް ވިދާޅުވެފައިވަނީ، ކުންފުންޏަށް ދިމާވެފައިވާ ދަތި ހާލަތާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރި މަސައްކަތުން ރަނގަޅު ނަތީޖާތަކެއް ނެރެވުނު ކަމަށެވެ. ނަމަވެސް ފެނަކަ ސަލާމަތްކުރުމަށް އެކުލަވާލި ޕްލޭންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރި ނަމަވެސް، އެ ޕްލޭންތަކުން "އަލިމަގެއް" ފެނިވަޑައިނުގަތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ނެތުމުންނާއި، މަގާމުގައި ދެމިހުންނަވައިގެން އިތުރު ކުރިއެރުމެއް ހޯއްދެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭތީ އިސްތިއުފާ ދެއްވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުއާޒް ފެނަކައިން ވަކިވެވަޑައިގަތުމާ ގުޅިގެން، ސަރުކާރަށް ތާއީދުކުރާ ބައެއް މީސްމީޑިއާ އެކައުންޓްތަކުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރިއެވެ. ނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ މުއާޒް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.