މިމަހުގެ 15 އިން 16 އަށް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިއަދު ފުރާވަޑައިގަންނަވާނެވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލުކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މި ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ނިމުނު ފެބްރުއަރީމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ 7 ދާއިރާއަކުން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމާ، މާލޭ ސަރަޙައްދުގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ލޯނު އެހީގެ އެއްބަސްވުން ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންވެސް ހަދިޔާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ