ދީނީ އިލްމުވެރިންނަށް ދީނީ ދަރުސް ދިނުމަށް ފާއިތުވެދިޔަ އެއްވެސް ސަރުކާރެއްގައި އުދަނގުލާއި ހުރަސްތައް ކުރިމަތިވި، ނުވާ މިންވަރަށް މިސަރުކާރުގައި ކުރިމަތިވެފައިވާކަމަށް ޖަމްއިއްޔަތުއް ސަލަފްގެ އިސްމެމްބަރެއް ކަމުގައި އަލީ ރަމީޒު ބުނެފިއެވެ.
ކޮންމެ ރޯދަ މަހަކު ޖަމިއްޔަތުއްސަލަފުން ގެނެސްދޭ ދަރުސް ސިލްސިލާ މި އަހަރުވެސް ބޭއްވުމަށް ނިންމާ އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އެދުނު ނަމަވެސް އެ ކަމަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ސަލަފް ޖަމްއިއްޔާއިން މިއަދު ވަނީ ބުނެފައެވެ. ސަލަފުން ބުނެފައިވަނީ ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ހާއްސަ ދަރުސް ސިލްސިލާ މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާ އެކަމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށްވެސް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިން އަލީ ރަމީޒު ކުރި ޓްވީޓްގައި ބުނެފައިވަނީ އޭނާ ދައުވަތުގެ މައިދާނުގައި ހަރަކާތްތެެރިވާން ފެށިފަހުން މިވީ 15 އަހަރުގައި ދީނީ ދައުވަތުގެ މަސައްކަތް މިހާ އުދަނގުލާއި ހުރަސްތައް ކުރިމަތިވި، ސަރުކާރެއް ތަޖުރިބާ ކޮށްފައި ނުވާކަމަށެވެ.
ދައުވަތުގެ މައިދާނުގައި އަޅުގަނޑު މަސައްކަތް ފެށި ފަހުން މިވީ 15 އަހަރުގައި ދީނީ ދައުވަތުގެ މަސައްކަތް މިހާ އުދަނގުލާއި ހުރަސްތައް ކުރިމަތިވި، ސަރުކާރެއް ތަޖުރިބާ އެއް ނުކުރަން.
– އަލީ ރަމީޒު ބުނެފައިވެއެވެ.
މީގެ އަހަރުތަކެއް ކުރިން ފެށިގެން ކޮންމެ ރޯދަ މަހަކު ސަލަފުން ގެންދަނީ ފުރުގާން މިސްކިތުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދަމުންނެވެ. އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި މި ސިލްސިލާތައް ކޮންމެ އަހަރަކު ކުރިއަށް ގެންދަނީ ވަކި ހާއްސަ މައުލޫއަކަށެވެ. އަސުރު ނަމާދަށް ފަހު ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ