މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާއާއިއެކު، މިއަދު ފެށުނު ބަރަކާތްތެރި ރަމަޞާން މަހުގެ ފުރަތަމަ ދުވަހު ފެނިގެން ގޮސްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފެނިގެން ދިޔަފަދަ މަންޒަރުތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ މަސައްކަތް ކުރާ ކޮމިޓީތަކުގެ އއިންތިޚާބުގެ ނަޖީޖާ ދެއްކި ގޮތުން އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ވެރިކަމުގައިއޮވެ އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ބޮޑުތަނުން ގެއްލުމުން ގިނަބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީގެ 14 ގޮޑިއެއް އިދިކޮޅު ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. މިއީ ކައުންސިލް އިންތިޚާބުގެ ތާރީހުގައިވެސް މާލެ ސިޓީން އިދިކޮޅު ކޯލިޝަނަށް ލިބުނު އެންމެބޮޑު ކާމިޔާބެވެ.
މިނަތީޖާއާއިއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ އެމްޑީޕީ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒުއަށް މަރުހަބާ ވިދާޅުވެ ކާމިޔާބު ހޯދި އެންމެހައި ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އެއަށްފަހު މިއަދު ނަޝީދު ވަނީ އިންތިޚާބުގައި ނަތީއާއިމެދު ސުވާލު އުފައްދައި އިލެކްޝަންގެ މައިމަރުކަޒަށް ވަޑައިގެން އެސަރަހައްދުގައި ހަމަނުޖެހުން އުފައްދަވާފައެވެ.
މާލެއާއި އައްޑޫ އިން އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުޞަތު އެބައޮތް: އެމްޑީޕީ
ނަޝީދުގެ މިއަދު އިލެކްޝަންގެ ކައިރިއަށް ދިއުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެސަރަހައްދުގައި ނަޝީދުގެ އަމަލުކުތައް ހުންނެވި ގޮތުން އެންމެ ބޮޑަށް ހަނދާން އާވެގެންދަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ދުވަހު ކަންކަން ހިނގައިދިޔަ ގޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެދުވަހުވެސް ނަޝީދުގެ ފާރަވެރިންގެ ގޮތުގައި ގިނަ ސިފައިން ހަރަކާތްތެރިވިއިރު، މިއަދުވެސް ގިނަ ސިފައިންނާއި، ފުލުހުންވަނީ ނަޝީދުގެ ހަށި ރައްކަލަށް މަސައްކަތް ކޮށްފައެވެ.
ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ގައިވަނީ މާލެއާއި އަތޮޅުތަކުގައި ހަމަނުޖެހުންތަކެއް ހިންގާ ފުލުހުންނަށާއި، ދައުލަތުގެ ބައެއް ތަކެއްޗަށް ގެއްލުންތަކެއް ވެސް ވަނީ ދީފައެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލެ އާއި އައްޑޫގެ ބައެއް ދާއިރާތަކުން ވޯޓު ފޮށިތަކުގެ ނަތީޖާގައި މައްސަލަ ހުރި ކަމަށް ބުނެ އެ ފޮށިތައް އަލުން ގުނަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކާމިޔާބުވި ބައެއް ދާއިރާތަކުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށާއި ރައްޔިތުންގެ ވޯޓާ ކުޅޭތަން ބަލަން އަބަދު ނުތިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީން އަބަދުވެސް މެޖޯރިޓީ ހޯދަމުން އައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު އެ ޕާޓީއަށް ވަނީ ގެއްލިފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވިޔަސް، އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތެއް އެ ޕާޓީއަކަށް ނުލިބުނެވެ.
ކޮމެންޓު ފޮނުވާ