އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނެ، އިންސާފުވެރިވާން: ޖަމީލް

އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނެ، އިންސާފުވެރިވާން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 12:57
0

ނިމިގެންދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީގެ އިންތިޚާބާއިއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޕީޕީއެމްގެ މެމްބަރުން ދޭ ޚިދުމަތަކީ އަމާނާތްތެރި ކަމާއިއެކު ދެވޭނެ އިހުލާސްތެރި ހިދުމަތަކަށް ވެގެންދާނެކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ޕީޕީއެމްއަކީ ފެށުނީއްސުރެއް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމާނާތްތެރިކަމާއިއެކު ޚިދުމަތް ދެމުންދިޔަ ބައެއްކަމަށެވެ. އަނިޔާވެރިކަމާއި ރައްޔިތުންގެ މުހުދާތުތަކަށް ބަލައި ނުގަނެ ރައްޔިތުންނަކީ ވަރަށް ދުރު ބަޔަކަށް ހަދައި ވެރިކަން ކުރަން ދިމާކުރުމުން ރައްޔިތުންގެ ނިންމުން އެބަޔެއްގެ މައްޗަށް ރަނގަޅު ނުވާނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިއިންތިޚާބުން ރައްޔިތުން ބުނެދިން އެންމެ ބޮޑު އެއްޗަކީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަންޖެހޭކަމަށެވެ. އެމަނިކުފާނަށް ދެމުންދާ އަނިޔާތަކަކީ ނުހައްގު އަނިޔާތަކެއްކަން މިއަދު ރައްޔިތުން ގަބޫލުކޮށް އެކަން ސަރުކާރަށް ހާމަކޮށްދީފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ. ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ދައުލަތުގެ ވެރިކަން އާއިލީ ވެރިކަމަށް ބަދަލުކޮށް ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރަމުންދާ މަންޒަރުކަމަށެވެ.

ޖަގަހަ ތަކުގައި ކުލަލައި ހުރިހާ ބޭފުޅުން ތައްޔާރުވޭ، އަޅުގަނޑުމެން މި ނުކުންނަނީ 2023 ގައި ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ކުރަންޖެހޭ މަސައްކަތް ފެށުމަށް. މިއީ ލިބުނު އަމާނާތެއް ކަމަށް ގަބޫލުކޮށް ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި އަޅުގަނޑު ރައްޔިތުންނަށް ދޭން އޮތް ޔަގީން ކަމަކީ އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނެ، އިންސާފުވެރިވާނެ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ހެޔޮ އެދިގެން އިހުލާސްތެރި މަސައްކަތެއް ކުރައްވާތަން ނުފެންނަ ކަމަށެވެ. މުޅިންވެސް ފެނިގެންދަނީ އަމިއްލަ އާއިލާއާއި، ބޭޭބެއާއި ކޮއްކޮއާއި ވެގެން މަޖިލިސް ހިންގައި، ޝަރުއީ ދާއިރާ ހައިޖެކްކޮށް މުޅި ނިޒާމު ފުޑު ފުޑު ކޮށްލާ މަންޒަރުކަމަށެވެ. މިއީ ތާއަބަދު ރައްޔިތުން ބަލަން ތިބޭނެ ކަމެއްނޫންކަން ފާހަގަކޮށް ޑރ.ޖަމީލް ވިދާޅުވީ ދާދިއަވަހަށް އަނިޔާއަށް ނަސްރުލިބި އިންސާފު ގާއިމް ކުރެވިގެން ދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.