މިމަހު 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލޭ ސިޓީއިންނާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑިޕީއަސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުކަން ކުރައްވާ މައްޗަށްގޯޅި މެދު ދާއިރާގެ ގޮޑިވެސް ޕީޕީއެމްއިން ކަށްވަރު ކުރައްވައިފިއެވެ.
ޕީޕީއެމްގެ ފަރާތުން މި ދާއިރާއަށް ކުރިމަތި ލައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރެވެ. އަޒީބެ މިދާއިރާ ކާމިޔާބު ކުރައްވާފައިވަނީ، މި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކޮށްފައިވަނީ، އަހުމަދު ޟަމީރުއާއި ވާދަކޮށްގެންނެވެ. އޭނާއާއި ވާދަކޮށް މި ގޮޑި އަޒީބެ ކާމިޔާބު ކޮށްފައިވަނީ 21 ވޯޓުގެ ތަފާތަކުންނެވެ.
ފާއިތުވެދިޔަ ދިގު ޒަމާންތަކެއްގައި މާލޭގެ ސިޓީ ކައުންސިލްގައި މެޖޯރިތީ ދަމަހައްޓަމުން ދިޔަ، އެމްޑިޕީއަށް މާލޭގައި ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހިފައިވާއިރު، މިއިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީއަށް ކުރިމަތިލީ 13 ކެނޑިޑޭޓުންވެސް ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. އަދި މާލޭ ސިޓީގެ އެއް ގޮޑި ވަނީ ޖުމްހޫރީ ޕާޓީންވެސް ކާމިޔާބު ކޮށްފައެވެ.
މުޅި މާލޭ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިގެން ގޮސްފައިވާއިރު، މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.
އަދި މި އިންތިޚާބުގައި، ރައްޖޭގެ އެންމެ އާބާދީ ބޮޑު އެއްރަށް ކަމުގައިވާ ތިނަދޫއިންވެސް ވަނީ، ފުރަތަމަ ފަހަރަށް އެރަށު ކައުންސިލަށް އިދިކޮޅު ޕީޕީއެމްގެ 3 މެމްބަރަކުވެސް އިންތިޚާބު ވެފައެވެ. ފާއިތުވެދިޔަ 2 ދައުރުގައިވެސް ތިނަދޫ ކައުންސިލަށް އިންތިޚާބު ވެފައިވަނީ އެމްޑިީގެ މެމްބަރުންނެވެ.
މީގެ އިތުރުން، ހުވަދު އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އެއް ރަށް ކަމުގައިވާ ގއ. ވިލިގިލީ ކައުންސިލްގެ މެޖޯރިޓީވެސް ވަނީ އެމްޑިޕީއަށް ގެއްލިަފއެވެ. 7 މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ މި ކައުންސިލްގެ 4 ގޮޑި ވަނީ އިދިކޮޅު ޕީޕީއެމް އިން ކާމިޔާބު ކޮށްފައެވެ. ގދ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީބޮޑު ރަށް ކަމުގައިވާ ގދ. ގައްދޫއިން އެމްޑިޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮޑިއެކެވެ.
މިހާތަނަށް އެމްޑިޕީ މެޖޯރިޓީ ދަމަހައްޓަމުންއައި، އައްޑުސިޓީގެ ކައުންސިލްގެ ސާފު މެޖޯރިޓީވެސް އެމްޑިޕިއަށް ގެއްލި، އައްޑޫސިޓީގެ ކައުންސިލަށް މިފަހަރު އަލަށް މިވަނީ، މިނިވަން ކެނޑިޑޭޓުންނާއި އެކު، ސަރުކާރާ އެއްވަރުގެ މެޖޯރިތީއެއް ލިބިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ