މަސައްކަތްކުރަނީ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރަން: އީސީ

މަސައްކަތްކުރަނީ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރަން: އީސީ

Author
މުޙައްމަދު ޖިމީ
12 އޭޕްރިލް 2021 11:37
0

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭވެސް އިޢުލާންކުރުމަށް މަސައްކަތްކޮށްފައިވީނަމަވެސް ރިސޯޓްތަކުން ލިބެންޖެހޭ ބައެއް ތަކެތި ނުލިބުމުގެ ސަބަބުން އަދި ނަތިޖާ އިޢުލާންކުރަން ވަނީ ނުފެށިފައެވެ.

ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޙާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައިވާކަމަށެވެ. އެގޮތުން ކޯވިޑާއި ގުޅިގެން އިލެކްޝަންސްއިން އަންދާޒާކޮށްފައިވަނީ ވޯޓުލުމަށް ނުކުންނާނީ ޙައްގުލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 22 އިންސައްތައަކީ މާލެއިން ވޯޓުލުމަށް ނިކުތް މީހުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މުޅި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއިމެދު ހިތްހަމަޖެހޭކަމަށެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ ޝަކުވާއެއްވެސް އިންތިޚާބުގެ ތެރޭގައި ހުށައެޅިފައިނުވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި ފިޔަވަޅުތަކެއް އަޅައިގެން އިންތިޚާބެއް ބާއްވަން ޖެހުމުން ދަތިތަކެއް ކުރިމަތިވިކަމަށް އިލެކްޝަންސްއިން ފާހަގަކުރައްވައެވެ.

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް މަަސައްކަތް ކުރަމުންދާއިރު، ދާއިމީ ނަތީޖާ 14 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.