ކުރިއަށް އޮތް ފަސްއަހަރަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލްގެ އެންމެބޮޑު އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"މިއީ މަގޭރާއްޖެއަށް އަލިވިލުމުގެ އުފާ ފާޅުކުރުން" ނަމުގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވީ މިއިންތިޚާބަކީ މާލޭގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ދެއްވި ވޯޓެއްކަމަށެވެ. އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު މާލޭގެ ރައްޔިތުންގެ އަޑު އެހުމުން އެންމެބޮޑަށް ސާފުވެގެންދިޔައީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
ސިޓީ ކައުންސިލްގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށް ދެއްވުމަށްކަމަށެވެ. އެކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅައި، ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުންދާނެކަމަށެވެ.
ގޭގަށް ޒިޔާރަތް ކުރުމުން ފެނިގެންދިޔައީ ރައްޔިތުންގެ ވަރަށް ހާލުގައި ދިރިއުޅޭތަންކަމަށެވެ. އެންމެބޮޑު ޝަކުވައަކީ ބޯހިޔާވަހިކަމުގެ ޝަކުވާތައް. އަޅުގަނޑުމެން މިކަން ހައްލުކޮށް ދިނުމަށް ސަރުކާރުގެ ވުޒާރާތަކަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅައިގެން މިކަން ހައްލުކޮށްދޭނަން. އަޅުގަނޑުމެން މަސައްކަތް ކޮށްދޭނީ ވަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކު.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރަށް ދެ އަހަރު ދުވަސް ވެގެން ގޮސްފައިވާއިރުވެސް ރައްޔިތުންނަށް ގެނެވުނު ތަރައްޤީއެއް ހޯދައިދެވުނު ކުރިއެރުމެއް ނެތްކަމަށެވެ. ރައްޔިތުން ޕީޕީއެމްއަށް ބޮޑު ޢައުލަބިއްޔަތެއް ދޭންޖެހުނު އެންމެބޮޑު ސަބަބަކީ ސަރުކާރުގެ ހުރިހާ ބާރެއް އޮވެގެންވެސް ރައްޔިތުން ބޭނުންވި ވަރާއި ގާތަކަށްވެސް ކަންކަން ނުކޮށް ދެވުންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ