އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާއިން ޤައުމުގެ މިސްރާބު ބަދަލު ކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުން ފައްޓަވައިފައިވާކަން ހަމަވެގެން ގޮސްފައިވާކަމަށް ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީއާއި ގިނަ އަތޮޅުތަކުން ޕީޕީއެމް ޕީއެންސީގެ މެމްބަރުން ހޯދާފައިވާ ކަމިޔާބީއާއި ގުޅިގެން ޣައްސާން ވިދާޅުވީ ރައްޔިތުން އިއްޔެ ނިންމި ނިންމުމަކީ ޤައުމު މިސްރާބު ގޯސްކަން ހާމަކޮށްދޭ ނިންމުމެއް ކަމަށެވެ. ސަރުކާރު ހިންގާ އެމްޑީޕީއަށާއި، ކޯލިޝަނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާކަމީ ރައްޔިތުންގެ އިހުސާސްތަކާއި ވިންދު ހުރިގޮތް ހާމަވާ ކަމެއްކަމަށް ޣައްސާން ވިދާޅުވިއެވެ.
ޤައުމުގެ މިސްރާބު ބަދަލު ކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުން ފައްޓަވައިފި. ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އެކަން ދަލީލު ކޮށްދޭ. އިންޝާ ﷲ ކާމިޔާބު ވާނެ. ރައްޔިތުންނާއިއެކު އިޚުލާސްތެރި ކަމާއިއެކު ޕީޕީއެމް ސާބިތުވެ އޮންނާނެ. މޭޔަރު މުއިއްޒު އަށާއި، ޕީޕީއެމްގެ ޓީމަށް އައްސަރިބަހާއި ސާބަސް.
– ޣައްސާން ވިދާޅުވިއެވ.
އިއްޔެ ބޭއްވުނު އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ޕީޕީއެމްއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ 14 ގޮޑި ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. މިއީ ޑިމޮކްރަސީގެ ތެރެއިން ކަންކަން ބަދަލުވިފަހުން މާލެ ސިޓީގެ މިހާބޮޑު މެޖޯރިޓީއެއް ޕީޕީއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ. ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު ރައީސުލްޖުމްހޫރިއްޔާއާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަން ކުރާ މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި ޑރ.މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ