އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ 

އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ 

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 03:21
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ޖަހާއިރުކަމަށެވެ. ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ގިނަ އިރުތަކެއް ނަގާނެކަމަށް ބެލެވެއެވެ. މިފަހަރުގެ އިންތިޚާބަކީ ދެ އިންތިޚާބެއް އެކުއަކީގައި ކުރިއަށްދިޔަ އިންތިޚާބަކަށްވުމުން މިއިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެކަމަށް ބެލެވެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޙާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައިވާކަމަށެވެ. އެގޮތުން ކޯވިޑާއި ގުޅިގެން އިލެކްޝަންސްއިން އަންދާޒާކޮށްފައިވަނީ ވޯޓުލުމަށް ނުކުންނާނީ ޙައްގުލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 22 އިންސައްތައަކީ މާލެއިން ވޯޓުލުމަށް ނިކުތް މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މުޅި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއިމެދު ހިތްހަމަޖެހޭކަމަށެވެ. އެގޮތުން ތިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ ޝަކުވާއެއްވެސް އިންތިޚާބުގެ ތެރޭގައި ހުށައެޅިފައިނުވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި ފިޔަވަޅުތަކެއް އަޅައިގެން އިންތިޚާބެއް ބާއްވަން ޖެހުމުން ދަތިތަކެއް ކުރިމަތިވިކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް މަަސައްކަތް ކުރަމުންދާއިރު، ދާއިމީ ނަތީޖާ 14 ދުވަހުގެ ތެރޭގައި އިލެކްޝަނުން އިއުލާން ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.