ކައުންސިލް އިންތިޚާބުގައި ރައީސް ނަޝީދު އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވި މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ގެއްލުމަކީ ޕާޓީގެ ރައީސް ކަމުން ދުރައްދާންވީ ކަމެއް ނޫންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުން ބަލިވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ހުރިހާ ޒިންމާއެއް ނަގަންޖެހޭ ކަމެއްނޫންކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ މިހާރު އޮތް ގޮތުން ބަލިވިކަމަށް ގަބޫލު ނުކުރާކަމަށެވެ. މާލެ ފިޔަވައި ހުރިހާ ސިޓީއަކާއި ގިނަކައުންސިލް ތަކެއް ލިބިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްގެ މަޤާުމުން ރައީސް ނަޝީދު އެއްފަރާތްވުމަށް އެޕާޓީގެ އިސް ބައެއް ބޭފުޅުން ގޮވާލައްވަމުންދާއިރު، ރައީސް ނަޝީދު ގެންދަވަނީ އެކަމަށް އިންކާރު ކުރައްވަމުންނެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިމް އިސްލާލްވެސް ވިދާޅުވެފައިވަނީ މިއީ ޕާޓީ އެހެން ލީޑަރޝިޕަކަށް ބަދަލު ކުރަންވީވަގުތުކަމަށެވެ.
ކައުންސިލް އިންތިޚާބުގައި މާލެ ސިޓީއިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ރައީސް ނަޝީދު ނަންގަވަންޖެހޭކަމަށް ނުސީދާކޮށް ވިދާޅުވެ އިބްރާ މިއަދު ވިދާޅުވީ ޕާޓީގެ އެތެރޭގައި ބޭއްވޭ އިންތިޚާބުތަކަށް ޕާޓީގެ ރައީސަކަށް ހުންނަ މީހެއްގެ ނުފޫޒާއި ބާރު ފޯރުވައި އިންތިޚާބުތަކުގެ ތެރެއަށް އަތްބާނާ ކަމުގައިވަނަމަ ކޮންމެވެސް އެއް ހިސާބަކުން އޭގެ ނަތީޖާ ފެންނާނެކަމަށެވެ. މިފަހަރު އެމްޑީޕީގެ މެމްބަރުންނަށް އެ ނަތީޖާ ދައްކަން ޖެހުމީ އިލެކްޝަން ކޮމިޝަންގެ އިންތިޚާބުގައި ކަމަށް އިބްރާ ވިދާޅުވިއެވެ.
މާލެ ސިޓީން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީގެ ލީޑަރޝިޕަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ