މާލޭ ސިޓީގެ ރައްޔިތުން ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ދެއްވި ބޮޑު ކާމިޔާބީން އެ ހާމަކޮށްދިނީ އެ ރައްޔިތުން އަނިޔާވެރިކަމާ ދެކޮޅުކަން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން ލިބުނު ކާމިޔާބީއާގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިނަތީޖާއިން އެނގިގެން ދަނީ ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުން ގެންދަނީ އަނިޔާކަން މާލޭގެ ރައްޔިތުން ގަބޫލުކުރި ކަން ކަމަށެވެ.
މީގެ އިތުރުން ދިވެހިން މިއަދު އެބުނީ އެ ރައްޔިތުން ބޭނުންވަނީ ދިވެހީން ދިވެހީންގެ ގޮތުގައި ކުރިއަށްދާށޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގެންފި ކަން މިއަދުގެ ވޯޓުން ހާމަކޮށްދީފި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް ކުރަނީ އަނިޔާކަން ވެރިކަން ކުރާ ރަށުން މި ވަނީ ވަރަށް ސާފުކޮށް ބުނެފަ. އެހެންވީމާ، އަޅުގަނޑު ސަރުކާރަށް ގޮވާލަން ރައީސް ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލުމަށް."
– އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބަސް ބުނެފި ކަމަށާއި ސަރުކާރަށް ރައްޔިތުންގެ ބަހަށް ތަބާވާން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ