ފެނިގެންދަނީ އެމްޑީޕީން މިއަދުވެސް ކެމްޕެއިން ކުރަމުންދާތަން: ޕީޕީއެމް

ފެނިގެންދަނީ އެމްޑީޕީން މިއަދުވެސް ކެމްޕެއިން ކުރަމުންދާތަން: ޕީޕީއެމް

Author
ޢަލީ އާދަމް
10 އޭޕްރިލް 2021 04:15
0

މިއަދުވެސް ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެމްޕެއިން ކުރައްވަމުންގެންދަވާ ތަން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެމްޕެއިން މެނޭޖަރު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިހާރު ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްގައި އެ ކޯލިޝަންގެ ކެމްޕއެިން މެނޭޖަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވޯޓުލެއްވުމަށްފަހު މީޑިއާގެ ކުރިމަތީގައި ދެއްކެވި ވާހަކަފުޅުގައި ނުސީދާގޮތުން ކެމްޕެއިން ކުރައްވާފައި ވާކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކި ކުލައެއްގެ ޓީޝާޓު ލައްވައިގެން މާލޭގެ ހުރިހާ ވޯޓްލާ މަރުކަޒަކަށް ވަޑައިގަންނަވައިގެން ނުސީދާކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

މީގެއިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ޤާނޫނީ ވަކީލް އަޙްމަދު ސިއްދީގު ވިދާޅުވީ މި އިންތިހާބުގެ ކެމްޕެއިންގަ އާއި ވޯޓުލާދުވަހުވެސް ގާނޫނާ ހިލާފަށް ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން އެމްޑީޕީން ކެމްޕެއިން ކުރަމުން ގެންދާކަމަަށެވެ. އެހެން ކަމުން އެކަންކަމާގުޅޭ ހެކިތަށް ހޯދައި އެއްކޮށް އިލެކްޝަން ކޮމިޝަނާއި ޝަރުޢީ ކޯޓުތަކަށްވެސް ހުށަހަޅާނެކަމަށް ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ މީގެ ކުރިން ވޯޓުލާ މަރުކަޒު ތަކަށް ޕާޓީތަށް ރަމްޒުވާ ކުލަތަކުގެ ހެދުން ލައިގެން ދިއުމަކީ ވެސް މަނާކަމެއް ކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ ސަރުކާރުގެ އިސްވެރިން ވަކި ޕާޓީއަކަށް ނިސްބަތްވާ ކުލަތަކުގެ ހެދުމުގައި ވޯޓްލާ މަރުކަޒުތަކާއި މަރުކަޒުތަކުގެ ބޭރުގައި ހަރަކާތްތެރި ވާތަން ކަމަށާއި، މިކަންކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވާތަން ނުފެންނަ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.