ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވޯޓު ލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވޯޓު ލައްވައިފި

Author
ޢަލީ އާދަމް
10 އޭޕްރިލް 2021 02:37
0

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވޯޓު ލައްވައިފި އެވެ.

ނައިބު ރައީސް ވޯޓުލައްވާފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބަހައްޓާފައި ވާ ޓެންޓުގައި ފުވައްމުލައް ސިޓީގެ މީހުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށް ފަހު، ނައިބު ރައީސް ފައިސަލް ވިދާޅުވީ، މިހާރު މި އޮތީ އެ ރަށެއްގެ ރައްޔިތުންނަށް އެރަށެއްގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ފަހިވެފަ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެރައްޔިތުންގެ ޒިންމާ އަދާކުރުމާއި ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، ވޯޓުލުމުގެ ހައްގު އަދާކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިފަދަ ޕެންޑަމިކެއްގެ ތެރެއިންވެސް ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ހޯދައިދިނުމަށް އިލެކްޝަން ކޮމިޝަނުން ފަހިކޮށްދީފައި ވާ އިންތިޒާމްތައް ފައިސަލް ފާހަގަ ކުރެއްވި އެވެ.

ނައިބު ރާއީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ވަނީ ވޯޓުލައްވާފައެވެ.

އަދި ހަމަ އެހެންމެ މި އިންތިހާބުގައި އެންމެ ވާދަވެރިކަމަށް ފާހަގަކުރެވިފައިވާ މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓްވެސް ވަނީ ވޯޓު ލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.