އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުމުގައި ދައުލަތުގެ މިޑީޔާ ހޭވައްޓާލާފަ، ބޮޑެތި ފާޑުކިޔުން!

އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުމުގައި ދައުލަތުގެ މިޑީޔާ ހޭވައްޓާލާފަ، ބޮޑެތި ފާޑުކިޔުން!

Author
admin
09 އޭޕްރިލް 2021 11:47
0

މާދަމާ ބާއްވާ ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރު ހިންގާ މައިޕާޓީން އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއް ދައުލަތުގެ މީޑީޔާއިން މެދުކެޑުމެއްނެތި ގެނެސްދެމުންދާތީ ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިއްޔެގެ ހެނދުނު 8:30 އިން ފަށިގެން ރޭ ދަންވަރު 11:30 އާއި ހަމައަށް ދައުލަތު މީޑިޔާ ޕީއެސްއެމް ނިއުސްގެ ޚަބަރު ގަޑިތައް ފިޔަވައި ހުރިހާ ވަގުތެއްގައި ދައްކާފައިވަނީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތްތަކަށެވެ. ދައުލަތުގެ މީޑިޔާއިން ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ދޭންޖެހޭކަމަށް ޤާނޫނުގައި ބުނެފައި ވީނަމަވެސް މިއިންތިޚާބުގައި އެފަދަ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް ދީފައި ނުވާކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.

ކެމްޕެއިން ކުރުމަށް މިހާތަނަށް ދައުލަތުގެ މީޑިޔާގެ މުޅި ދުވަސްއެކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހަރަކާތަކަށް ދޫކޮށް ނުވާއިރު މިއީ ޕީއެސްއެމްގެ ތާރީހުގައިވެސް މިހާގިނަ ވަގުތުތަކެއް ހުރިހާ ޕްރޮގުރާމުތަކެއް ހުއްޓާލާފައި ޕާޓީގެ ހަރަކާތަކަށް ދެވުނު ފުރަތަމަ ފަރުކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން މީޑިޔާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ ޢަލީ ޚާލިދު ވިދާޅުވީ މިއީ ވިޔަފާރި އުޞޫލުން އެ ޕާޓީއަށް ދޫކޮށްފައިވާ ވަގުތު ކަމުގައެވެ. އަދި އެހެން ޕާޓީތަކަށްވެސް އެ އުސޫލުން ވަގުތު ދޫކުރާ ގޮތަށް އުސޫލު ހަމަޖެހިފައިވާ ކަމަށް ޢަލީ ޚާލިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް މި ވަގުތު ދޫކޮށްފައިވަނީ 293،000 (ދެލައްކަ ނުވަދިހަ ތިންހާސް) ރުފިޔާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއީ މީޑިޔާތަކުން ވަގުތު ވިއްކާ އުސޫލަށް ބަލާއިރު ވަރަށް ކުޑަ އަދަދެއްކަމަށް ބައެއް މީޑިޔާތައް ހިންގާ ފަރާތްތަކުން ވިދާޅުވެއެވެ. މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ މިނިވަން މީޑިޔާއާއި ހަމަހަމަ ފުރުސަތު ހޯދުމަށް ވެރިކަމަށް އައި މީހުންގެ ކަންކަން ހުރިގޮތްކަމަށެވެ. މުޅި ދުވަސް އެމްޑީޕީއަށް ދީގެން ކެމްޕެއިން ކޮށްދޭންތިބިކަމީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިމައްސަލާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޤާނޫނީގޮތުން ދެފަރާތަށް ހަމަހަމަ ފުރުސަތު ލިބިދޭންޖެހޭކަމަށް ބުނާއިރު އިދިކޮޅުގެ މަންޒަރެއްވެސް ނުދައްކާ އިންތިޚާބަކާއި ކުރިމަލާކަމީ ހަމަހަމަ ފުުސަތު އޮތް މިންވަރު ހާމަވާކަމެއްކަމަށެވެ.

އިންތިޚާބާއި ގުޅިގެން ބޮރޮޑްކާސްޓް ކުރުމަށް ޤާނޫނީ ގޮތުން މިކަންކަން ބެލުމަށް ތިއްބަވާ ފަރާތްތަކުން ބުނެފައިވަނީ އިންތިޚާބަށް ހަަމަހަމަ ފުރުސަތު ދީފައިވާކަމަށެވެ. ނަމަވެސް މިކަންކަން ބަލާފައިވަނީ ކިހާވަރަކަށްތޯ އަދި އެބޭފުޅުންގެ ޒިންމާ އަދާކޮށްފައިވަނީ ކޮން މިންވަރަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.