ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރަން މަސައްކަތް ކުރަނީ މި ގައުމު މިނިވަން ކުރަން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ ރައީސް ޔާމިން މިނިވަން ކުރުމަށްޓަކައި އަޅާ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި މި އިންތިޚާބާއި ރައީސް ޔާމިން މިނިވަން ކުރުމާ އޮތީ ކޮން ގުޅުމެއްތޯ ބައެއް ބޭފުޅުން ސުވާލު ފުއްދަވާނެ ކަމަށާއި، ރައީސް ޔާމިން މިނިވަން ކުރަން އުޅެނީ މި ގައުމު މިނިވަން ކުރަން ވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި ރައީސް ޔާމިން މި ގައުމަށް ގެންސްދެއްވި ބިޔަ ބޮޑެތި ތަރައްޤީ ތަކަކީ އެމްޑީޕީން މި ގައުމަށް ގެނެސްދިން ކަންކަން ކަމަށް ދައްކަން އެމްޑީޕީގެ އިސްވެރިން މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެފަދަ ފަރާތްތަކުގެ ވިސްނުމާދޭތެރޭ ރައްޔިތުން ވަރަށް ރަނގަޅަށް މިހާރު ހިޔާލުކޮށްލަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެމްޑީޕީގެ ފިކުރަކީ އޮޅުވާލުމުގެ ފިކުރު. މަކަރާއި ހީލަތުގެ ފިކުރު. އެހެންވީމާ އެ ފިކުރަށް ތަބާ ނުވާންވީ. އަޅުގަނޑުމެން ތަބާ ވާންވީ ގައުމީ ފިކުރަށް"
– އަބްދުއްރަހީމް
ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ޕީޕީއެމަށް ދޭ ވޯޓުގެ ނަތީޖާ ދިވެހި ރައްޔިތުންނާ ބައްދަލުކުރާނީ ހިނިތުންވުމާއި އެކު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީއަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންސާފުވެރި އިންތިޚާބެއް ބޭއްވިއްޖެ ނަމަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ