ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 14،900 އިން މައްޗަށް

ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 14،900 އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 10:32
0

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖެހި މީހުންގެ އަދަދު 14،951 އަށް އަރައިފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 14،900 އިން މައްޗަށް ގޮސްފައިވަނީ މިއަދު ދެވަނަ ޑޯޒް ޖެހި 4،382 މީހުނާއެކުއެވެ. މިއަދު މާލެ ސަރަހައްދުން 3،969 މީހުނަށް އަދި އަތޮޅުތެރެއިން 413 މީހުނަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

މިއަދު ރާއްޖޭގައި ވަނީ 4،950 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖަހާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 502 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 4،448 މީހުންނެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް 265،235 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ޖަހައިދިނުން ކުރިއަށްގެންދެ އެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވެކްސިންގެ ދެވަނަޑޯޒް ދިނުން ކުރިއަށްގެންދަނީ ސޯޝަލް ސެންޓަރުގެ އިތުރުން، ނޭޝަނަލް އާޓްގެލެރީ، ހުޅުމާލޭ ވެކްސިން ސެންޓަރ، އަދި ސެނެހިޔާގައި ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ޖަހައިދެނީ ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.